ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޖަލުން ގެ އަށް ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރު ތަންފީޒު ނުކުރަން ސުޕްރީމް ކޯޓުން ދެންމެ ވަގުތީ އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑަައަޅައިދިނުމަށް ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަޅާފައިވާ މައްސަލައެއް ކަމަށެވެ.

"މި މައްސަލާގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތަކަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަންދެން ދިވެހި ރާއްޖޭގެ ހައި ކޯޓްގެ... ގަޒިއްޔާގައި ނެރެފައިވާ އެ ކޯޓުގެ ނަމްބަރު ... އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން، އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުގެ އަަމުރުގައި ބުންޏެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އިއްޔެ އަމުރެއް ނެރުނީ އޭނާގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެނެވެ.

ސިއްހީ ހާލަތު ގޯސްވެ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށް ފަހު، ޑޮކްޓަރުގެ ލަފަޔާ އެކު އަދީބު އެންމެ ފުރަތަމަ ގޭބަންދަށް ބަދަލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކަރެކްޝަނަލް ސާވިސް އިން އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެފަހުން ވެސް ދެފަހަރެއްގެ މަތިން ހާލު ސީރިއަސް ވެގެން އަދީބު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައިވެ އެވެ.