މާލޭގެ ވެސްޓް ޕާކާ ދިމާލު މޫދަށް ގުޅާފައިވާ ނަޖިސް ހޮޅިއެއް ފަޅައިގެންގޮސް ރަސްފަންނު ސަރަހައްދުގެ މޫދަށް ނަޖިސް ފެތުރި ތަޣައްޔަރުވަމުން އެބަދެއެވެ.

ރަސްފަންނު ސަރަހައްދަށް މޫދަށްއެރި އުޅޭ މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި އެ ސަރަހައްދުގެ މޫދު ތަޣައްޔަރުވެފައިވާތާ ހަތަރު މަސް ވަރު ވެދާނެއެވެ.

"އޮއިވަރާއެކު ބައެއް ދުވަސް ދުވަހު ހޮޅިން ބޭރުވާ ނަޖިސްތަކުން މުޅި މާފަންނު ހުޅަނގު ސަރަހައްދުގެ މޫދު އެއްކޮށް ތަޣައްޔަރުވޭ. ނަޖިސް މިގޮތަށް ފެތުރުމުގެ ސަބަބުން މި ހިސާބުގެ މޫދުން ދުވާ ނުބައިވަސް މުޅި ސަރަހައްދަށް ހުންނަނީ ފެތުރިފައި،" ރަސްފަންނު ސަރަހައްދަށް މޫދަށް އެރި އުޅޭ މީހަކު ކިޔައިދިނެވެ.

މާލޭގެ ވެސްޓް ޕާކާ ދިމާލު މޫދަށް ފަޅައިގެން ގޮސްފައިވާ ނަޖިސް ހޮޅި -- ފޮޓޯ / މުހައްމަދު ސާލިމް

މާލޭގެ ދެކުނު ފަރާތު މޫދަކީ ގިނަ ބަޔަކު މަސްބާނަން ދިއުމުގެ އިތުރުން ސްނޯކްލިންގް އަށް ގޮސް އުޅޭ ސަރަހައްދެކެވެ.

"މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މަސައްކަތް ކުރާތާ ގާތްގަނޑަކަށް ތިން މަސް ވެދާނެ. ވީކަމެއް ނެތް،" އޭނާ ކިޔައިދިނެވެ.

އެކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެކަމާ ގުޅޭގޮތުން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ނައީމް ވިދާޅުވީ އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.