29 Jan 2019, 15:45
ކަތަމަންޑޫ (ޖެނުއަރީ 29): މިދިޔަ އަހަރުގެ މާޗް 18އިގައި ބަނގުލަދޭޝްގެ ބޯޓެއް ނޭޕަލުގެ ކަތަމަންޑޫއަށް ވެއްޓުނު ސަބަބާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުން އުފެދިއްޖެ އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންގެ ބޯޓެއް ވެއްޓި 51 މީހަކު މަރުވި ހާދިސާ ތަހުގީގު ކުރި ނޭޕާލްގެ ޓީމުން ނެރުނު ރިޕޯޓުގައިވާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓު ހުރީ ވަރަށް ބޮޑަށް ހާސްވެ ސްޓްރެސްވެފަ އެވެ.
އެބޯޓު ވެއްޓުނީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއިން ކައްސާލައިގެން ގޮސް އެއާޕޯޓު ކައިރީ އޮތް ފުޓުބޯޅަ ދަނޑަކަށެވެ. އެހާދިސާގައި 51 މީހަކު މަރުވުމުގެ އިތުރުން 20 މީހަކަށް އަނިޔާވި އެވެ.
ނޭޕާލްގެ ރިޕޯޓުގައިވާ ގޮތުން ފްލައިޓުގެ ކޮކްޕިޓް ތެރޭ ޕައިލެޓު ވަނީ ސިނގިރެޓު ބޮއެ، ބޭކާރު ވާހަކަ ދައްކައި، ކޮކްޕިޓުގައި އަމަލު ކުރަން ޖެހޭ ގޮތާ ހިލާފުވެފަ އެވެ. އަދި ޕައިލެޓާ އެކު ކޮކްޕިޓުގައި އިނީ ތަޖުރިބާ މަދު ފަސްޓް އޮފިސަރެއް ކަމަށާއި އޭނާގެ ބެލުމުގެ ދަށުން މީގެ ކުރިން ކަތަމަންޑޫގައި ބޯޓެއް ޖައްސާފައި ނުވާ ކަމަށްވެސް އެރިޕޯޓުގައިވެ އެވެ.
ނަމަވެސް ޔޫއެސް-ބަންގުލާގެ ތަރުޖަމާނަކު ވަނީ އެކޯޕައިލެޓު މީގެ ކުރިން ކަތަމަންޑޫގައި ބޯޓެއް ޖެއްސި ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ.
އެރިޕޯޓުގައިވާ ގޮތުން ބޯޓު ވެއްޓެން މެދުވެރިވީ ޕައިލެޓުގެ ޖަޒުބާޒީ ހާލަތު ހުރި ގޮތުންނާއި އެންމެ ނާޒުކު ވަގުތުތަކުގައި ބޯޓު އޮތް ހާލަތަށް ސަމާލުކަންދީ، އަޅަން ޖެހޭ ރަނގަޅު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.
އެރިޕޯޓަށް ރައްދު ދެމުން ޔޫއެސް-ބަންގުލާ އެއާގެ ސީއީއޯ އިމްރާން އާސިފް ވިދާޅުވި ގޮތުގައި އެރިޕޯޓުގައި އިސްކަން ދީފައި ވަނީ ޕައިލެޓުގެ ނަފްސާނީ ހާލަތަށް ކަމަށާއި، އެހާދިސާގައި އެއާޕޯޓުގެ ޓްރެފިލް ކޮންޓްރޯލުން އިހުމާލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ނެތް ކަމަށް ބުނެފަ އެވެ.
އަދި ނޭޕާލްގެ އިންވެސްޓިގޭޓަރުން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލުން ބޯޓު މޮނިޓާ ކުރުމުގައި އިހުމާލުވި ކަމަށާއި ބޯޓަށް ރަންވޭގައި ޖެއްސޭގޮތް ނުވުމުން އަމަލު ކުރަން ޖެހޭ ގޮތުގެ އިރުޝާދު ދީފައި ނުވާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އެއީ ބޯޓު ވެއްޓުނު މައިގަނޑު ސަބަބެއް ނޫން ކަމަށްވެސް ބުނެފަ އެވެ.
ރިޕޯޓުގައިވާ ގޮތުން 1993 ވަނަ އަހަރު ޑިޕްރެޝަން ހުރުމުގެ ސަބަބުން ބޯޓުގެ ޕައިލެޓު ވަނީ ބަނގުލަދޭޝް އެއާ ފޯސްއިން ރިލީޒްކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާއަށް ބޯޓު ދުއްވުމުގެ ހުއްދަ އަނެއްކާވެސް ދިން ކަމަށާއި ފަހުގެ މެޑިކަލް ރިޕޯޓުތަކުން ޑިޕްރެޝަންގެ އަލާމާތްތައް ނުފެންނަ ކަމަށްވެސްވެ އެވެ.
ނޭޕާލްއިން ނެރުނު ރިޕޯޓުގައި ވަނީ، ފްލައިޓު ދުއްވަން ފިޓް ނޫން ކަމަށް ކަނޑައަޅާ ޕައިލެޓުންނަށް އަލުން ހުއްދަ ދިނުމުގެ ކުރިން ޕައިލެޓުންގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ބެލުމަށް އަންގާފަ އެވެ. އަދި ޕައިލެޓުން ތަމްރީނު ކުރާ އިރު ނަފްސާނީ އިވެލުއޭޝަން ހަދަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރު ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ ކޮންމެ އެއާލައިނަކުން ވެސް ޕައިލެޓުންނަށް ވަޒީފާ ދިނުމުގެ ކުރިން ނަފްސާނީ އިވެލުއޭޝަނެއް ހަދަން ޖެހޭނެ ކަމަށް ބުނާ ގަވާއިދެއް ފާސްކޮށްފަ އެވެ.