ހުޅުމާލޭގައި ކެރޭނެއް ކޮންޓްރޯލް ނުވެ ބަނދަރުގައި އޮތް ދޯންޏަކަށް ވެއްޓި ދޭތި އެއްކޮށް އަޑިއަށް ހިނގައްޖެ އެވެ.

މަންޒަރުދުށް ފަރާތަކުން 'ސަން' އަށް ބުނީ އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ހުޅުމާލޭ ހުޅަނގު ފަރާތު އެފްއެސްއެމް ޕެޑްރޯލް ޝެޑާ ދިމާލުން ބަނދަރުގައި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށަ ވެސް އޭނާ ބުންޏެވެ.

ވެލި އުފުލުމުގެ މަސައްކަތް ކުރާ އެ ދޯންޏަށް ކެރޭނު ވެއްޓިފައިވަނީ ހުޅުމާލެ ބަނދަރަށް ވެލި ބޭލުމަށްފަހު ދޯނި ބަނދަރުން ނެރެން އުޅެނިކޮށް ކަމަށް އެ ދޯނި ގެންގުޅޭ ފަރާތުން ބުންޏެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏަކަށް ކެރޭނެއް ވެއްޓި އަޑިއަށް ދިއުމުން އޭތު ނެގުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ސްމިތް

"ހުޅުމާލެއަށް ވެލި ހުސްކޮށްލުމަށްފަހު ނައްޓާލަން އުޅެނިކޮށް ކެރޭން އައިސް ދޯންޏަށް ވެއްޓި އަޑިއަށް ދިޔައީ. އެވަގުތު ދޯނީގައި ތިން މީހުން ތިބި ނަމަވެސް އަނިޔާއެއް ނުވެ ސަލާމަތްވީ ތިން މީހުން ވެސް މޫދަށް ފުންމާލުމުން،" އެ ދޯނި ގެންގުޅޭ ފަރާތުން ކިޔައިދިނެވެ.

އޭނާ ބުނީ ވިލާ ގްރޫޕްގެ އެ ކެރޭން ދޯންޏަށް ވެއްޓުނީ އޭގެ ބްރަކި ފެއިލް ވެގެން ކަމަށް ދުއްވަން އިން މީހާ ބުނެފައިވާ ކަމަށެވެ. ކެރޭން ދޯންޏަށް ވެއްޓުމުގެ ކުރިން އޭނާ ވަނީ ބަނދަރުމައްޗަށް ފުންމާލާފަ އެވެ. އެނާއަށް ސީރިއަށް އަނިޔާއެއް ނުލިބުނު ނަމަވެސް ގައިގެ ބައެއް ތަންތަން ވަނީ ހަން މަށައިގެން ގޮސްފައެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏަކަށް ކެރޭނެއް ވެއްޓި އަޑިއަށް ދިއުމުން އޭތު ނެގުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ސްމިތް

ކެރޭންގެ ވެރިފަރާތުގެ މަސައްކަތުން އިތުރު ކެރޭނެއްގެ އެހީގައި މިއަދު ވަނީ އަޑިއަށް ދިޔަ ދޯނި ފެންމައްޗަށް ނަގާފައެވެ. ނަމަވެސް 49 ފޫޓުގެ ލަކުޑި އެ ދޯނީގެ ގިނަ މަޑޫތަކެއް ވަނީ ރޫޅި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ދޯނި ފެންމައްޗަށް ނެގި ނަމަވެސް އަދިވެސް ކެރޭން ނެގައިފައެއް ނުވެ އެވެ.