29 Jan 2019, 13:44
މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ވެސް ވާދަ ކުރި ކުރީގެ މަޝްހޫރު ނޫސްވެރިޔާ އައިޝަތު ލީޒާ މި އަހަރު އޮންނަ މަޖިލިސް އިންތިހާބްގައި ވެސް ވާދަކުރުމަށް ނިންމައިފި އެވެ.
ލީޒާ މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި އޭނާ ވާދަކުރުމަށް ނިންމާފައިވަނީ ނ. ވެލިދޫ ދާއިރާ އަށް ކަމަށެވެ.
"އެ ރައްޔިތުންގެގެ ހައްގުތަކަށް ހަމަހަމަކަމާއި އެކު ވަކާލާތުކުރާނެ، އެ ރައްޔިތުންނަށް އިހުލާސްތެރިކަމާއި އެކު ހިދުމަތްކޮށްދޭނެ، ޒުވާން، ތައުލީމީ، ތަޖުރިބާހުރި، ގާބިލް މެންބަރަކަށް" އޭނާ ވާނެ ކަމަށް ލީޒާ މިއަދު ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ލީޒާ ބުނޭ އޭނާ މަޖިލީހަށް ކުރިމަތިލަނީ އަމިއްލަ ގޮތުން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ބައެއް ސިޔާސީ ޕާޓީތަކުގެ އެންޑޯސްމެންޓް ލިބޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޕީއެސްއެމްގެ ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯއްދެވި ލީޒާ ވަނީ އޭރު ނޫސްވެރިކަން ދޫކޮށްލުމަށްފަހު ސިޔާސީ މަގާމަކަށް އައިސްފަ އެވެ. އަދި އޭރުގެ ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރު ކުރުމަށްފަހު އެނާއާ ގުޅިންހުރި ފަރާތްތައް މަގާމުން ދުރުކުރި އިރު ލީޒާ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓްގައި މެދު ހެންވޭރު ދާއިރާ އަށް ލީޒާ ވާދަކުރި ނަމަވެސް އެ ފަހަރު އޭނާއަށް ވަނީ ނާކާމިޔާބް ވެފަ އެވެ.
ލީޒާއަކީ ނ. ވެލިދޫއަށް އުފަން ފަރާތެކެވެ. އަދި އޭނާ އުޅެބޮޑުވެ ތައުލީމް ހާސިލް ކުރީ ވެސް ވެލިދޫގަ އެވެ. އޭނާގެ މަންމައަކީ ވެލިދޫ ކަނބަލެއް ނަމަވެސް އޭނާގެ ބައްޕަ އަކީ ފްރާންސްއަށް އުފަން ފަރަންސޭސި ރައްޔިތެކެވެ.