ގއ. ކޮލަމާފުށީގައި ވިޔަފާރިވެރިޔަކަށް އަނިޔާކޮށް ފަޅު ގޯއްޗަކަށް އެއްލާލާފައި އޮއްވާ ރޭ ފެނިއްޖެ އެވެ.

ހަށިގަނޑުގެ އެކި ހިސާބުތަކަށް އަނިޔާކޮށް ފަޅުގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ރޭ ދަންވަރު 12:00 ޖަހާ އެހާކަންހާއިރު ފެނުނީ ކޮލަމާފުށީ ސިލްނާ މަންޒިލް އަބްދުލް މުހިސިން، 52 އެވެ.

މުހިސިންގެ ދަރިފުޅު ޝާން ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާގެ ބައްޕަ ފަޅުގޯއްޗެއްގެ ތެރޭގައި އެއްލައިލާފައި އޮއްވާ ފެނުނީ ބައްޕަ ގެއަށް ނައިސްގެން ފުލުހުނަށް އެކަން ރިޕޯޓްކޮށް، ރަށު ތެރެ ހޯދަމުން ދަނިކޮށް ކަމަށެވެ. އަދި ބައްޕަ ފެނުނު އިރު ހޭ ހުރި ކަމަށާއި ނަމަވެސް ލިބިފައިވާ ޒަހަމްތަކާ ގުޅިގެން ބައްޕަގެ ހާލު ވަރަށް ސީރިއަސް ކަމަށް ޝާން ބުންޏެވެ.

"އަޅުގަނޑަށް ގުޅީ މަންމަ. ގުޅާފަ ބުނީ ބައްޕަ ގެއްލިގެންނޭ މިއުޅޭނީ. އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުން އެ އަނިޔާތަކެއް ބައްޕަޔަށް ދިނީ ރޭ 8:30 ނުވަތަ 9:00 ޖަހަން އުޅެނިކޮށް. ބައްޕަ ގެއިން ބޭރަށް ދިޔަ ސަބަބެއް ނޭނގޭ،" މުހުސިންގެ ހަމައެކަނި ފިރިހެން ދަރިފުޅު ޝާން ބުންޏެވެ.

ކޮލަމާފުށީ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވީ މުހިސިނަށް ދީފައިވާ އަނިޔާތުގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅާލާފައިވާ ކަމަށާއި ވައަތްފަރާތު ލޯ ދުޅަވެ، ނޫފައި ގެންފައިވާ ކަމަށެވެ. އަދި ވައަތް ފަރާތު އަތަށާއި ކަންފަތައް ވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ތޫނު އެއްޗަކުން ހަމަލާދީފަ ހުރިހެނެއް ބޭރުފުށަކުން އެގޭކަށް ގެތް. ނަމަވެސް ވައަތް ފަރާތު ލޯ ހުރީ ދުޅަވެ، ނޫފައިގެންފަ. އަދި ބޮލުގެ ފުއްކިބަ ފަޅާލާފައިވޭ. އަދި ވައަތް ފަރާތު އަތަށާއި ކަންފަތަށް ވެސް ޒަހަމްތަކެއް ލިބިފައިވޭ،" ކޮލަމާފުށީގައި އާދައިގެ ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރަމުންދާ މުހިސިންއަށް ރޭ ދީފައިވާ އަނިޔާތަކާ ބެހޭ ގޮތުން ރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރޭ ދަންވަރު މުހުސިން ފަޅު ގޯތި ތެރެއިން ފެނުމާއެކު އޭނާއަށް ފަރުވާ ދިނުމަށް ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި އޭނާ މާލެ ގެނަމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުހުސިންގެ އާއިލާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.