29 Jan 2019, 13:40
ސިންގަޕޫރު (ޖެނުއަރީ 29): ސިންގަޕޫރުގެ އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ 14،200 މީހުންގެ މައުލޫމާތު ލީކުކޮށްލީ އެމެރިކާ މީހެއް ކަމަށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދެހާސްސޯޅަ ވަނަ އަހަރު ހިނގި އެހާދިސާއާ ބެހޭ މައުލޫމާތު ސިންގަޕޫރުން ހިއްސާ ކުރީ އިއްޔެ އެވެ. އޮންލައިންކޮށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި އެޗްއައިވީ ޓެސްޓުގެ ނަތީޖާ އާއި އެމީހުންގެ ނަމާއި އައިޑީ ނަމްބަރާއި ފޯނު ނަމްބަރާއި އެޑްރެސް އާއި އެހެނިހެން ސިއްހީ މައުލޫމާތު ހިމެނެ އެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެމައުލޫމާތު ލީކު ކުރީ މީގެ ކުރިން ސިންގަޕޫރުގެ ޑޮކްޓަރަކާ ކައިވެނިކޮށްގެން އުޅުނު މިކީ ފެރޭރާ ބްރޯޝޭޒް ނަމަކަށް ކިޔާ އެމެރިކާ މީހެކެވެ.
އެމިނިސްޓްރީން ބުނި ގޮތުގައި ބްރޯޝޭޒްއަކީވެސް އެޗްއައިވީ ހުންނަ މީހެކެވެ. ނަމަވެސް ސިންގަޕޫރުގައި މަސައްކަތް ކުރުމަށްޓަކައި އޭނާ ވަނީ އެޗްއައިވީއަށް ޓެސްޓު ކުރި އިރު އޭނާގެ ފިރިމީހާގެ ލޭ ދީފަ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މީގެ ކުރިން ސިންގަޕޫރުގެ ނެޝަނަލް ޕަބްލިކް ހެލްތު ޔުނިޓުގައި މަސައްކަތް ކުރަމުން ދިޔަ ބްރޯޝޭޒްގެ ފިރިމީހާ ލާ ޓެކް ސަންގް ވަނީ އެކަމުގައި އޭނާއަށް އެހީތެރިވެދީފަ އެވެ.
އަދި މީގެ ކުރިން ސަންގްގެ އަތުގައި ސިންގަޕޫރުގެ އެޗްއައިވީ ރެޖިސްޓްރީ އޮތް ކަމަށާއި ބްރޯޝޭޒް ލީކުކޮށްލި މައުލޫމާތު އޭނާއަށް ލިބުނީ އެރެޖިސްޓްރީން ކަމަށް ހެލްތު މިނިސްޓްރީން ލަފާ ކުރެ އެވެ.
އެމިނިސްޓްރީން ބުނި ގޮތުގައި ބްރޯޝޭޒްގެ އަތުގައި ސިއްރު މައުލޫމާތު ހުރިކަން ފުރަތަމަ އެމިނިސްޓްރީއަށް އެނގުނީ 2016 ވަނަ އަހަރެވެ. އަދި އޭރު ފުލުހުން އޭނާގެ އަތުން ހުރިހާ މައުލޫމާތެއް ހޯދި ކަމަށް ގަބޫލު ކުރެވުނު ނަމަވެސް މިމަހުގެ 22ގައި ފުލުހުން ވަނީ ބްރޯޝޭޒްގެ އަތުގައި އަދިވެސް ބައެއް މައުލޫމާތު ހުރެދާނެ ކަމަށް ބުނެފަ އެވެ.
އެޗްއައިވީ ޓެސްޓާ ބެހޭ ގޮތުން އޮޅުވާލުމާ ގުޅިގެންނާއި މަސްތުވާތަކެއްޗާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއްގައި ބްރޯޝޭޒް ވަނީ ސިންގަޕޫރުގައި ޖަލު ހުކުމެއް ތަންފީޒު ކޮށްފަ އެވެ. އޭގެ ފަހުން އޭނާ ޑިޕޯޓުކޮށްލާފައިވާ ކަމަށާއި އޭނާ ހުރި ގައުމުގެ ފުލުހުންނާ ސިންގަޕޫރުން މިހާރު ވާހަކަ ދައްކަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.