29 Jan 2019, 13:37
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ޖިނާއީ ދައުވާ ކުރެވޭގޮތް ހަދަން ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހެއްގައި މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމަށް އެމްޑީޕީގެ މަޖިލިސް އެޖެންޑާގެ ތެރެއިން ވަނީ މަޝްވަރާ ކޮށްފައެވެ. މިހާރުވެސް މަޖިލިސް މެމްބަރުން މާލީ ބަޔާން ހުށަހަޅަން މަޖިލިސް ގަވައިދު ލާޒިމް ކުރެއެވެ. އޭގެ ތެރެއަށް އިތުރު ކަންކަން އިތުރުކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެގޮތުން މެމްބަރުގެ އިތުރުން މެމްބަރުގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.
މެމްބަރުންނާއި އަނބި ދަރިން ހުށަހަޅާ މާލީ ބަޔާނުގައިފައިސާ، ބޭންކް އެކައުންޓް، ބިން، ބިމުގެ އެގްރީމަންޓު، އާއިލީ ވިޔަފާރި، ޝެއާ، ބޮންޑު، ސްޓޮކް، ހާއްސަ ހުއްދަ، ގަހަނާ، މޯޓަރ ލީ ވެހިކަލް، ރުއްގަހުގެ މައުލޫމާތުވެސް ހިމެނެންޖެހޭ ގޮތަށް އެމްޑީޕީން ހުށަހަޅައެވެ.
މަޖިލިސް ގަވައިދަށް އެމްޑީޕީން ހުށަހަޅާ އިސްލާހުތައް
- ހުރިހާ މެމްބަރުންގެ މާލީ ބަޔާންތައް އޮޑިޓް ކުރެވެން ވާނެ.
- ހުރިހާ މެމްބަރުންގެ މާލީ ބަޔާން މަޖްލިސް ވެބްސައިޓްގައި އާންމުކޮށް ޝާއިރު ކުރަން ވާނެ
- މާލީ ބަޔާން ހުށަނޭޅުމަކީ ޖިނާއީ ކުށަކަށް ވާނެ
- މާލީ ބަޔާން ހުށަނޭޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ތަހުގީގު ފެށި، ފިޔަވަޅު އެޅޭނެ.
މާލީ ބަޔާނުގެ އިތުރުން މެމްބަރުގެ ބައެއް ހަރަދުތައް މަޖިލީހަށް ހުށަހަޅަން ޖެހޭގޮތަށް އެމްޑީޕީން ހުށަހަޅައެވެ. އެގޮތުން މެމްބަރު ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ތަފްސީލު ހުށަހަޅަން ޖެހޭގޮތަށްވެސް ހުށަހަޅަ އެވެ.
އޭގެ އިތުރުން މެމްބަރުންގެ ހާޒިރީއާއި މެމްބަރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ކޮމިޓީގައި ކުރާ މަސައްކަތް އެނގޭ ގޮތަށް ކޮންމެ މެމްބަރަކަށް ހާއްސަ ވަކި ސެކްޝަނެއް ހަދަން އެމްޑީޕީން ހުށަހަޅައެވެ.