29 Jan 2019, 12:12
އަބޫ ދާބީ (ޖެނުއަރީ 29): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދެ ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތައް ފާހަގަ ކޮށް ދިން ހުރިހާ އެވޯޑެއް ދީފައި ވަނީ ފިރިހެނުންނަށްކަން ފާހަގަކޮށް، އެގައުމުގެ ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ޔޫއޭއީގެ ޖެންޑާ ބެލެންސް އިންޑެކްސް އެވޯޑްސް އަކީ އެގައުމުގެ ސަރުކާރުން ޖިންސީ ހަމަހަމަކަން ޔަގީން ކުރުމަށް ކަނޑައަޅާފައިވާ އަމާޒުތައް، ސަރުކާރުގެ ޑިޕާޓްމެންޓުތަކަށް ހާސިލު ކުރެވިފައިވާ މިންވަރު ފާހަގަކޮށް ދޭ އެވޯޑެކެވެ.
ޔޫއޭއީގެ ނައިބު ރައީސް ޝެއިހް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމް އެއެވޯޑުތައް ދެއްވީ އެގައުމުގެ ފިނޭންސް މިނިސްޓްރީ އާއި ފެޑެރަލް ކޮމްޕެޓިޓިވްނެސް އެންޑް ސްޓެޓިސްޓިކްސް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސްއަށެވެ. އެތިން މިނިސްޓްރީންވެސް އެވޯޑުތަކާ ހަވާލުވީ ފިރިހެނުންނެވެ. އަދި "ދެ ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރި ޝަހުސިއްޔަތު"ގެ އެވޯޑު ދީފައި ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި އިންޓީރިއާ މިނިސްޓަރު، ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާންއަށެވެ.
އެހަފްލާގައި ޝެއިހް މަޚްތޫމް ވަނީ ގައުމުގެ ކުރިމަގު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އެހަފްލާގައި އަންހެނުން ފެނިގެން ނުދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.
I'm sorry to have to be the one to tell you, but you forgot to invite WOMEN.
— Rianne Meijer (@globalistaa)January 27, 2019
އަދި އެހެން ފަރާތަކުން ވަނީ އެހަފްލާގެ ފޮޓޯ ޓުވީޓުކޮށްފައި ވަނީ ދުބާއީ މީޑިއާ އޮފީހުގެ އަސްލު އެކައުންޓުންތޯ އަހައި، މަލާމާތްވެސް ކޮށްފައެވެ.
Mashallah, big win for gender balancehttps://t.co/VS3bGaruIp
— Hayder al-Khoei (@Hayder_alKhoei)January 27, 2019
އެފާޑު ކިޔުންތަކަށް ފަހު، ދުބާއީގެ މީޑިއާ އޮފީހުން ޓުވީޓުކުރި ފޮޓޯއަކުން އެއެވޯޑު ލިބުނު ފިރިހެނުންނާ އެކު ފަސް އަންހެނަކު ތިބި މަންޒަރު ފެނިގެންދެ އެވެ. ނަމަވެސް އެއީ ކޮން ބަޔެއްކަން ބުނެފައި ނުވެ އެވެ.

ދުބާއީ މީޑިއާ އޮފީހުން ފަހުން ކުރި ޓުވީޓަކުން ފަސް އަންހެނުން ފެނިގެންދޭ -- ފޮޓޯ: ދުބާއީ މީޑިއާ އޮފީސް
ދުބާއީ މީޑީއާ އޮފީހުން ޔޫއޭއީގެ ޖެންޑާ ބެލެންސް ކައުންސިލްގެ ރައީސާ ޝެއިހާ މަނާލް ބިންތު މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމްއާ ހަވާލާދީ ބުނި ގޮތުގައި، އެކައުންސިލުން ސަރުކާރުގައި ދެ ޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމަށް 2015 ވަނަ އަހަރު ކަނޑައެޅި ލަނޑުދަނޑި މިހާރު ވަނީ ހާސިލުވެފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ޔޫއޭއީގެ ކެބިނެޓުން ވަނީ އެއް ވަޒީފާއެއް އަދާ ކުރާ އަންހެނުންނަށާއި ފިރިހެނުންނަށް އެއް ވަރެއްގެ މުސާރާ ދިނުމަށް ކަނޑައަޅާ ގާނޫނެއް ފާސްކޮށްފަ އެވެ.
ނަމަވެސް ވޯލްޑް އިކޮނޮމިކް ފޯރަމްއިން މިދިޔަ އަހަރު ނެރުނު ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި ޔޫއޭއީ އޮތީ 149 ގައުމުގެ ތެރެއިން 121 ވަނައިގަ އެވެ.