07 Oct 2011, 20:33
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި، އެޕަލްގެ ކޯފައުންޑާ އަދި ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ ކުއްލި މަރާ އެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާއަށް ވެސް ވަނީ ކުއްލި ލޮޅުންރަކެއް އަރައިފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ސީއީއޯކަމުން ޖޮބްސް އިސްތިއުފާދެއްވުމާ އެކު އެޕަލް ކުންފުނީގެ ހިއްސާ ހަތް ޕަސެންޓަށް ދަށްވެފައިވަނިކޮށް އަނެއްކާވެސް އެކުންފުނީގެ ހިއްސާ މިވަނީ ޖޮބްސްގެ މަރާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި 3.5 ޕަސަންޓު ވެއްޓިފަ އެވެ.
ހިއްސާގެ މައި މަރުކަޒެއްކަމަށްވާ، ޖާމަނީގެ ފްރޭންކް ފާޓް ބާޒާރުގައި އެކަނިވެސް އެ ކުންފުނީގެ ހިއްސާ ފަސް ޕަސެންޓަށް ވުރެ ބޮޑުތަނުން ދަށަށް ގޮސްފައިވެ އެވެ. ފްރޭންކް ފާޓްގައި އެޕަލްގެ ހިއްސާ 270 ޔޫރޯއަށް ވެއްޓުމާ އެކު އަހަރެއްގެ މައްޗަށް 62.5 ބިލިއަން ޑޮލަރު ވަންނަ އެ ކުންފުނީގެ ހިއްސާގެ އަގުވަނީ ދުނިޔޭގެ ބާޒާރުގައި ވެސް 3.5 ޕަސެންޓަށް ވެއްޓިފަ އެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި މިހާރު އެޕަލްގެ ހިއްސާއެއްގެ އަގު އުޅެނީ 273 ޔޫރޯގަ އެވެ.
އެމެރިކާގެ ހިއްސާގެ މައި މަރުކަޒު، ވޯލް ސްޓްރީޓް ހުޅުވުނުއިރު އެޕަލްގެ ހިއްސާ އެއް ޕަސެންޓަށް ދަށްވި އެވެ. ނަމަވެސް ފަހުން އަނބުރާ ޕަސަންޓެއް ކުރިއަށް ޖެހިލި އެވެ.
ޓެކްނޮލޮޖީގެ ބާޒާރަށް އިންގިލާބުގެނައި އުފެއްދުންތެރި ސިކުނޑީގެ ވެރިޔާ، ޖޮބްސް މީގެ 24 އަހަރު ކުރިން 1985 ވަނަ އަހަރު އެޕަލް ކުންފުނި ދޫކޮށް އެނިމޭޝަން ކުންފުނި ޕިކްޒާގަތުމުން ވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. ޖޮބްސް އެނބުރި އެޕަލް ކުންފުންޏާ 1997 ވަނަ އަހަރު ގުޅުނު އިރު ދެ ބިލިއަން ޑޮލަރު ލިބެމުން އައި ނަމަވެސް، އޭނާގެ މާލިމީ ކަމުގައި ފުރަތަމަ އައިމެކާ، އައިޕޮޑް 2001 އެވަނަ އަހަރު ބާޒާރަށް ނެރެ، ކުންފުނި އާ އުސްމިންތަކަކަށް ގެންދިޔަ އެވެ. އެޕަލްގެ ހިއްސާގެ އަގު 9000 ޕަސެންޓަށް ވުރެވެސް މައްޗަށް އުފުލުނެވެ. އަދި މިވީ އަހަރުތަކުގެ ތެރޭގައި އެ އަދަދު ދެގުނައަށް އިތުރުވެފައިވެ އެވެ.
ނަމަވެސް އެޕަލްގެ ވާދަވެރިން ކަމުގައިވާ މައިކްރޯސޮފްޓްގެ ހިއްސާގެ އަގު ހުރީ 5.1 ޕަސެންޓުގަ އެވެ. އިންޓެލްގެ ހިއްސާއެއް 14 ޕަސެންޓަށް އުފުލުނުއިރު ހެވްލެޓް ޕެކާޑްގެ ހިއްސާ 14 ޕަސެންޓް ދަށައްޖެހިފައިވެ އެވެ.
މާޒީގެ ތަޖުރިބާއަށް ބަލައި އިގްތިސޯދީ މާހިރުން އުފައްދާ ސުވާލަކީ ސްޓީވް ޖޮބްސްއާ ނުލައި ޓިމް ކޫކް އަށް ކުންފުނި ހިންގިދާނެތޯ އެވެ. ކޫކް ވަނީ ޖޮބްސްއާ އެކު އެޕަލް ކުންފުނި ހިންގުމުގައި ކޫކް ވަނީ ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފަ އެވެ. ޖޮބްސް ނެތަސް އެޕަލްގެ ކުރިމަގެއް އެބައޮތެވެ.