29 Jan 2019, 10:49
މި އަހަރުގެ ސީޒަނުގައި ވެސް ޓީސީގައި މަޑުކުރުމަށް އެ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ މުހައްމަދު އައްޒާމު ނިންމިކަން އެކުލަބުން ޔަގީންކޮށްދީފި އެވެ.
ވޭތުވެ ދިޔަ އަހަރުގެ ޗެންޕިއަން ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ އައްޒާމް އޭނަގެ އެއްބަސްވުން އާ ކުރި ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. ޓީސީ ފުރަތަމަ ޑިވިޝަން އަށް ކޮލިފައިވުމާ އެކު އައްޒާމް ވަނީ ޓީސީ އާ ގުޅި މިއަދާ ހަމައަށް ޓީސީ ދިވެހި ފުޓުބޯޅާގައި ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީން --- ފޮޓޯ/ އެފްއޭއެމް
ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ އިން ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާ އެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަސް އޭނާ ކުޅެފައެއްނުވެ އެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.
ކަނާތު ވިންގެއް ގޮތުގައި ބީޖީއަށް ކުޅުނު ނަމަވެސް ނިޒާމްބެގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ޓީސީއަށް ކުޅެފަ އެވެ. ބީޖީގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އައްޒާމް ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުގެ ސީޒަނަށެވެ.
ނ. ކެނދިކުޅުދުއަށް އުފަން އައްޒާމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބުނެ އެވެ. އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގެ އިތުރުން ސަރަހައްދީ މުބާރާތްތަކުން ވެސް އޭނަ ހޯދި ކާމިޔާބުތަކަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.
ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން މުހައްމަދު އައްޒާމް -- ފޮޓޯ / އެފްއޭއެމް
މީގެ އިތުރުން ޓީސީއާ އެކު ތިން އަހަރަކު ލީގުގެ ރަނަރަޕްކަން ހޯދުމަށް ފަހު މިދިޔަ އަހަރު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ނ. އަތޮޅުގައި ބާއްވާ ރާއްޖޭގެ އެންމެ އަގު ބޮޑު މުބާރާތުގެ ޗެމްޕިއަންކަން ރަށު ޓީމާ އެކު ކުޅެ އޭނަ ވަނީ ހޯދައިފަ އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ޓީމު ދޫކޮށްލުމާ ގުޅިގެން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ދާން އުޅޭ ކަމުގެ އޯލަ ވާހަކަ ވަނީ ފެތުރިފަ އެވެ. އެގޮތުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާއަށް ބަދަލު ވާން އުޅޭ ކަމުގެ ވާހަކަ ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.
މީގެ އިތުރުން މި އަހަރުގެ ސީޒަނަށް ޓީސީ ތައްޔާރު ވުމުގެ ގޮތުން ކުޅުންތެރިން ވަނީ ގެންނަން ފަށައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން މި އަހަރުގެ ސީޒަނަށް މާޒިޔާއަށް ކުޅެމުން ދިޔަ އިސްމާއިލް އީސަ (މެސީ) ވަނީ ޓިސީއާ ގުޅިފަ އެވެ.