މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 164 ދިވެހި ސްޕެޝަލިސްޓް ޑަކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީއިން ކުރި އިއުލާނުގައި ވަނީ ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ، ޕީޑިއެޓްރިކްސް، ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ ،ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ޕެތެލޮޖީ، ހެމޮޓޮލޮޖީ، ޕިޒީޝިއަން، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ، އޮފްތަލްމޮލޮޖިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފައެވެ.

މީގެ އިތުރުން 319 ޖެނެރަލް ޑޮކްޓަރުންވެސް ހޯދުމަށް އިއުލާނުކުރިއެވެ.

އެ މިނިސްޓްރީއިން ބުނީ އެ ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން އަންނަ މަހު 14ގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު އެ ވަޒީފާއަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހަޅަން ޖެހޭނެކަމަށެވެ.

އެ އިއުލާނުގައި ބުނީ ވަޒީފާގެ ޝަރުތުތަކީ މެޑިކަލް އޮފިސަރެއްގެ ޝަރުތު ހަމަވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ދެ އަހަރުދުވަހަށްވުރެ ކުރުނޫން އެމްޑީއެމްއެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމެވެ.

އަދި ސްޕެޝަލިޓީ ދާއިރާއިން ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވުން ކަމަށެވެ.

އެ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ ލިބޭއިރު އެލަވަންސެއްގެ ގޮތުގައި 10،200 ދިނުމަށް ވަނީ ހަމަޖެހިފައެވެ.