29 Jan 2019, 09:49
ވޮޝިންޓަން (ޖެނުއަރީ 29): އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ވާވޭ އާއި އެކުފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ މެންގް ވަންޖޯގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލައިފި އެވެ.
ސްމާޓްފޯނު އުފެއްދުމުގައި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ ވާވޭގެ މައްޗަށްކޮށްފައިވާ 23 ދައުވާގެ ތެރޭގައި ބޭންކުތަކަށް މަކަރު ހެދުމާއި، އިންސާފަށް ހުރަސް އެޅުމާއި ޓީ-މޮބައިލް ކުންފުނީގެ ސިއްރުތަކެއް ވަގަށް ނެގުން ހިމެނެ އެވެ.
ވާވޭ ކުންފުންޏާއި މެންގް ވަނީ އެދައުވާތަކަށް އިންކާރުކޮށްފަ އެވެ.
އެދައުވާތަކުގައިވާ ގޮތުން ވާވޭ އިން ވަނީ އީރާނާ އެކު ވިޔަފާރި ކުރުމަށްޓަކައި، އެކުންފުންޏާއި ދެ ސަބްސިޑަރީ ކުންފުންޏަކާ އޮތް ގުޅުމާ ބެހޭ ގޮތުން އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުގެ ބޭންކްތަކަށް އޮޅުވާލާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މިދިޔަ އަހަރު އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު އެގައުމާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާއިން މީގެ ކުރިން ވަނީ ޗައިނާ ސަރުކާރުން ޖާސޫސު ކުރުމަށް ވާވޭގެ ޓެކްނޮލޮޖީ ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެކުންފުނިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
މިދިޔަ މަހުގެ އެކެއްގައި ކެނެޑާއިން ވަނީ ވާވޭގެ ސީއެފްއޯ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ 10 ދުވަސް ފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެއީ އިލެކްޓްރޯނިކް ޓެގު އަޅުވައި، ޕާސްޕޯޓު އަތުލުމަށް ފަހުގަ އެވެ.
މެންގް ހައްޔަރު ކުރުމާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މެންގް ހައްޔަރު ކުރި ފަހުން، ޗައިނާއިން ކެނެޑާގެ ދެ މީހަކު ހައްޔަރު ކުރީ ބަދަލު ހިފުމުގެ ގޮތުންނެވެ.