އެސް ޕްރޮޑަކްޝަން އާއި ބައިސްކޯފު ގުޅިގެން ޕްރޮޑިއުސްކުރާ ކުރު ފިލްމު "ސޯލް"ގެ ޝޫޓިން ނިންމައި، އެ ފިލްމުގެ ޓީޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ފިލްމަކީ ހަނީ މޫނަށް ރާއްޖެއަށް އަންނަ ދެ ފަތުރުވެރިއަކަށް ދިމާވާ ހާދިސާއެއް ކިޔާދޭ ފިލްމެއްކަމަށެވެ.

"ރާއްޖޭގެ މެހެމާންދާރީ އަދާކުރާ ގޮތް ފެނިގެންދާނެ. ދިވެހިންގެ ހިތްހެޔޮ މަންޒަރުވެސް ފެންނާނެ. ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ވެސް ފެންނާނެ،"

ވިހި މިނެޓްގެ އެ ކުރު ފިލްމުގެ މަންޒަރުތައް ނެގީ އއ. މަތިވެރީގެ އަދި ކ. ތުލުސްދޫގައެވެ.

ލަންކާ ދެ އެކްޓަރުން ފިލްމުގައި ހަރަކާތްތެރިވާއިރު ކުޅަދާނަ ފިލްމީތަރި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިސްމާއިލް ޖުމައިހް ވެސް ފިލްމުން ފެނިގެންދާނެއެވެ.

"ސޯލް" އަކީ ސާކް ފިލްމު ފެސްޓިވަލަށް ތައްޔާރުކުރި ފިލްމެކެވެ. އަދި އެ ފިލްމު ވަނީ މިއަހަރުގެ ސާކް ފެސްޓިވަލްގައި ބައިވެރިކުރުމަށް ނިންމާފައެވެ.

މި ކުރު ފިލްމު ސްޓްރީމް ކުރާނީ "ބައިސްކޯފު" އެޕްލިކޭޝަން އިންނެވެ.