ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެއް ބަތަލު ވަރުން ދަވަން 31، ގެ ކައިވެނި އަންނަ ނޮވެމްބަރު މަހު ކުރަން ނިންމައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ވަރުން ކައިވެނި ކުރާނީ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. އޭނާ ކައިވެނިކުރާނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް 30، އާއެވެ.

ދެފަރާތުގެ އާއިލާއިން ވެސް ކައިވެނީގެ ތައްޔާރީތައް ވަމުން އަންނައިރު ކައިވެނީގެ ހަފްލާ ބޮޑު ހަފްލާއެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

"އަދި އަހަރެން މިހާރު ކައިވެންޏަށް ވެސް ތައްޔާރު. އެކަމަކު އަދި ކައިވެނި ކުރާނެ ތާރީހެއް ކަނޑައެއް ނާޅަން. އަހަރެން އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫން އެއީ މީހާގެ އަމިއްލަ ވާހަކަތައް މީޑިއާގައި ދެއްކުން،" މީގެ ކުރިން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަރުން ބުންޏެވެ.

ވަރުން ދަވަން އެންމެ އަވަހަށް ފެނިގެންދާނި ފިލްމަކީ "ކަލަންކް"އެވެ. މިހާރު އޭނާ މަސައްކަތްކުރަމުން އަންނަނީ ރެމޯ ޑި ސޫޒާގެ ފިލްމު "އޭބީސީޑީ 3"ގައެވެ.

އޭނާ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ"އިންނެވެ.