07 Oct 2011, 14:16
ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޙުލާގީ އަމަލު ހިންގެވި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްގެ މައްސަލަ ނުނިމި ލަސްވަނީ އެ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލްކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މިހާތަނަށް އެ މައްސަލައިގެ ހަ އަޑުއެހުމެއް ބޭއްވިފައިވާ ކަމަށާއި އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައި ވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
"އާދިލުގެ މައްސަލަ ނުނިމި ލަސްވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ރާއްޖެ އިން ބޭރުގައި ހުންނެވީމާ. މިހާތަނަށް އެ މައްސަލައިގެ ހަ އަޑުއެހުމެއް ވަނީ ބޭއްވިފައި. ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ވެސް އެ މައްސަލައިގެ އިތުރު އަޑުއެހުމަކަށް ތާވަލް ކުރެވިފައިވޭ. ދެން އޮންނާނީ އާދިލުގެ ފަރާތުން ހެކިން ހުށަހެޅުން،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރެވިފައި ވާކަމަށާއި އެ އަޑުއެހުމުގައި އޮންނާނީ އާދިލުގެ ފަރާތުން ހެކީން ހުށަހެޅުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އާދިލް ހައްޔަރު ކުރީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރިން ނިންމި ނަމަވެސް ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އޭނާ ބަންދުގައި ހުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ދަނީ ފުލުހުންގެ ހިމާޔަތުގަ އެވެ.