ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގެ ލޯގޯ އާއި ކުލަ އިފްތިތާހު ކުރުމަށް ހޮޓެލް ޖެން ގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތައް ބެލެހްޓުމާއި ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮތް ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ކުރުމަށްޓަކައި މިހާރު އޮތް ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ މާހައުލަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ އަދި އެއާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ވެސް އިސްލާހުތަކެއް ގެންނަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އަލަށް އިންތިހާބްވާ މެންބަރުންނާއެކު އެ އިސްލާހުތައް ފާސްވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އީސީން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ތަފާތު ކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާތީ ޝަރީފް ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީ އެއް ތަފާތު ނުކޮށް ހުރިހާ ޕާޓީއަކާ މެދު ވެސް އަމަލު ކުރަމުންދަނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނުގެ ބޭރުން އެއްވެސް ކަމެއް އީސީން ނުކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އީސީން މީގެ ކުރިން މިދިޔަ އަހަރު ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހުތަކެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލްގެ އޮފީހާ އެކު މަޝްވަރާކޮށް ބައެއް އިސްލާހުތައް މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.