އިލެކްޝަން ކޮމިޝަން (ޢީސީ)ގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްފި އެވެ.

އީސީގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްފައިވަނީ މިރޭ އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނެވެ.

އެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ އާއި ލޭބާ ޕާޓީގެ ލީޑާޝިޕް ކޮމެޓީގެ ނައިބް ރައީސް ޒިޔާދު ރަޝާދާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް މަތީން މުހައްމަދާއި ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު އަދި އެމްޓީޑީގެ ވަގުތީ ނައިބް ރައީސް އިސްމާއިލް އާސިފެވެ.

އީސީގެ ލޯގޯ އިފްތިތާހު ކުރުމަށް މިރޭ ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ޕާޓީތަކުގެ އިސްވެރިން އީސީގެ ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އީސީން އެ ކޮމިޝަނުގެ އާ ކުލައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދަނބު ކުލަ އެވެ. ކުރީގެ ކުލައަކީ ފެހި ކުލަ އެވެ.

ކުލަ އާއި ލޯގޯ އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އެ ކޮމިޝަނުގެ ލޯގޯއަށް މީގެ ކުރިން ފާޑުކިޔުންތަކެއް އަމާޒު ވެފައިވާ ކަމަށާއި އަދި ކުރީގެ ކުލަ އަކީ ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ އެއް ކަމަށެވެ.

ނަމަވެސް މީގެ ފަހުން އެއްވެސް ސިޔާސީ ޕާޓީ އަކުން އެ ޕާޓީއެއްގެ ރަސްމީ ކުލައިގެ ގޮތުގައި އެ ކޮމިޝަންގެ ކުލަ ބޭނުން ނުކުރެވޭނެ ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

އީސީން މިރޭ ތައާރަފް ކުރި ލޯގޯ އަކީ އީސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ޝަރީފް ހުންނެވި ދުވަސްވަރު ފަރުމާ ކުރި ލޯގޯއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ ލޯގޯ ގައި ހިމެނޭ ރޮނގުތަކުގެ ތެރެއިން މައިގަނޑު ތިން ރޮނގު ރަމްޒުކޮށްދެނީ އެ ކޮމިޝަނުން ބާއްވާ ތިން އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންވީމަ މި ލޯގޯ އަކީ ވަރަށް މާނަ ފުން އަޅުގަނޑުމެންގެ މަސައްކަތް ދައްކައިދޭ ލޯގޭ އެއް،" ޝަރީފް ވިދާޅުވި އެވެ.