އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖަލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލީ އެ ކޮމިޝަނުގެ އާ ލޯގޯ އާއި ކުލަ އިފްތިތާހުކޮށް އަދި މަޖިލިސް އިންތިހާބު ބާއްވާނެ ތަރީހު އިއުލާނު ކުރުމަށް މިރޭ ހޮޓެލް ޖެން ގައި ބޭއްވި ހަފްލާއެއްގަ އެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިރޭ ހުޅުވާލިއިރު އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށް ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބު ގައި ވާދަކުމުރުމަށް 86 ދާއިރާއަށް ނިކުންނަ ކެންޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ކުރިމަތިލާނެ ދާއިރާތަކާއި ނެރޭނެ ކެންޑީޑޭޓުން އަދި ނުނިންމައެވެ.

އަދާލަތު ޕާޓީން ވަނީ 13 ދާއިރާ އަކަށް ކުރިމަތި ލުމަށް ނިންމާފައެވެ. އަދި އެ 13 ދާއިރާގެ ތެރެއިން އެއް ދާއިރާއެއްގައި ޕްރައިމަރީވެސް ވަނީ ބާއްވާފައެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ދެޕާޓީން ކުރިމަތިލާނެ ބޭފުޅުންވެސް އަދި ޔަގީން ނުވެއެވެ.