07 Oct 2011, 14:03
ވޮޝިންގޓަން (ސެޕްޓެމްބަރ 7) : ދުނިޔޭގެ އިޤްތިސާދު "ނުރައްކާތެރި މަރްޙަލާ" އަކަށް ވަދެއްޖެ ކަމުގެ އިންޒާރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދީފިއެވެ. އައި.އެމް.އެފް ގެ އިޤްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ އެފަންޑްގެ ޔޫރަޕިޔަން ޑިޕާޓްމަންޓްގެ ވެރިޔާ އެންޓޯނިޔޯ ބަޮރގީސް ވިދާޅުވީ ދުނިޔޭގެ ސިނާޢީ ޤައުމުތަކުގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި މި ހީނަރުކަމުގެ ނޭދެވޭ އަސަރު މުޅިދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާނެ ކަމުގައެވެ.
އިޤްތިސާދީ ހީނަރުކަމާ ކުރިމަތިލުމުގައި އެމެރިކާ ގެންގުޅޭ "އިޤްތިސާދަށް ފައިސާ އިިންޖެކްޓް ކުރުމުގެ ސިޔާސަތާއި" ޔޫރަޕުން ގެންގުޅޭ ޚަރަދުކުޑަކުރުމުގެ (އޮސްޓެރިޓީ) ސިޔާސަތުތައްވެސް ކާމިޔާބު ނޫންކަމަށް އެންޓޯނިޔޯ ވިދާޅުވިއެވެ. ޔޫރަޕްގެ ޔޫރޯ ޒޯންގެ ޤައުމުތަކުގެ އިޤްތިސާދީ ކުރިއެރުން މިއަހަރުގެ ފަހުކޮޅު 1.1% ށް ދަށަށްދާނެ ކަމަށް އައި.އެމް.އެފް އިން ލަފާކޮށްފައިވާ ކަމަށްވެސް އެންޓޯނިޔޯ ވިދާޅުވި އެވެ.
އަނެއްކޮޅުން އިނގިރޭސިވިލާތުގެ އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސް އިން ވަނީ އިނގިރޭސި އިޤްތިސާދު މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ވާނެ ކަމުގެ އެއްވެސް އަލާމާތެއް އަދި ފެންނަމުން ނުދާކަމަށް ބުނެފައެވެ. ނަމަވެސް ބޮޑުވަޒީރު ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ މިކަމުގެ ސަބަބުން ބިރުވެރިކަމާއި ހާސްކަންމަތީ ނުތިބެ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްވުމަށް ހިއްވަރާއެކު މަސައްކަތް ކުރުމަށް އިނގިރޭސި ރައްޔިތުންނަށް ގޮވާލައްވާފައެވެ. (ރޮއިޓާސް)