ހައިކޯޓުން މިއަދު ކުރި އަމުރާއެއްގޮތަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ގޭބަންދަށް ބަދަލުކޮށްފިއެވެ.

އަދީބު ގޭބަންދަށް ބަދަލުކުރިކަން މޯލްޑިވްސް ކަރެކްޝަންސް ގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގުމާން ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ޚިޔާނާތާއި ޓެރަރިޒަމްގެ ކުށް ސާބިތުބެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އަދީބު ގޭ ބަންދަަށް ބަދަލުކުރަން ހައިކޯޓުން މިއަދު އަމުރުކުރީ މިއަދު ހަވީރުއެވެ.

އަދީބު ގޭބަންދަށް ބަދަލުކުރުމަށް ވަގުތީ އަމުރެއް ނެރުނީ އޭނާގެ ބޭސްފަރުވާއާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެނެވެ.

އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބުގެ ފަރާތުން އެދިފައި ވަނީ އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.

މައްސަލަ ނިމެންދެން އަދީބު ގޭބަންދަށް ބަދަލުކުރަން އަމުރު ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗްގައި ތިއްބެވީ، ފަނޑިޔާރު ސުޖާއު އުސްމާން، ހަސަން އަލީ އަދި ހުސައިން ޝަހީދެވެ.

މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ހައިކޯޓުން ބަލަމުންދާ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ އަދީބުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފާޅުކަންބޮޑުގޮތެއްގައި ފެންނަން އެބައޮތް ކަމަށެވެ.

ސިއްހީ ހާލަތު ގޯސްވެ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށްފަހު، ޑޮކްޓަރުގެ ލަފަޔާއެކު އަދީބު އެންމެ ފުރަތަމަ ގޭބަންދަށް ބަދަލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކަރެކްޝަނަލް ސާވިސް އިން އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އެފަހުންވެސް ދެފަހަރެއްގެ މަތިން ހާލު ސީރިއަސް ވެގެން އަދީބު އައިޖީއެމްއެޗަ ގެނެސް ފަރުވާ ދީފައިވެއެވެ.