28 Jan 2019, 21:21
އަންކަރާ (ޖަނަވަރީ 28) : ތުރުކީގައި އުފައްދާ ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރީ ޑްރޯންއަކީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ނަމޫނާ ދެއްކޭފަދަ ޑްރޯނަކަށްވާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ބައެއް ސިނާޢީ މަރުކަޒުތައް ހުޅުވުމަށް އެގައުމުގެ ދެކުނުގެ އަންޓާލިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ އިންޖިނޭރުން މިހާރު ކުރިޔަށްގެންދާ އަސްކަރީ ޑްރޯންގެ މަޝްރޫއު މިއަހަރުގެ މެދެއްހާ ހިސާބު ނިމޭނެ ކަމަށާ އެ ޑްރޯނަކީ އިލެކްޓްރޯނިކް ސިސްޓަމްތައް ބޭނުންކޮށްގެން ސްމާޓް ބޮމުން ތަންތަނަށް ހަމަލާދިނުމުގައި ދުނިޔޭގައި އަދި މިހާތަނަށް އުފައްދާފައިނުވާފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ސިނާއީ ސިކުނޑިން މަސައްކަތްކުރާ ޑްރޯނަކަށް ވެގެންދާނެކަމުގައެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީން އެންމެ އިސްކަންދޭ އެއް ސިނާއަކީ އަސްކަރީ ސިނާއަތު ކަމުގައެވެ. ތުރުކީ އަކީ 2000 ވަނަ އަހަރާ ހަމައަށް އެމެރިކާގެ ހަތިޔާރަށް މުޅިން ކަހަލަ ގޮތަކަށް ބަރޯސާވި ގައުމެކެވެ. ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ވަނީ ހަތިޔާރުގެ ސިނާއަތާ ދިމާއަށް ތުރުކީ މިސްރާބު ޖަހާފައެވެ.
އުރުދުޣާންގެ ވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގައި މިސިނާއަތް ފެށުމާއެކު 2002 ވަނައަހަރު ތުރުކީވަނީ އެގައުމަށް ބޭނުންވާ ހަތިޔާރުގެ 20 އިންސައްތަ އަމިއްލައަށް އުފައްދާފައެވެ. ނަމަވެސް 2018 ވަނައަހަރު ގެ ތަފާސްހިސާބުތައް ދައްކާގޮތުން ތުރުކީ ސިފައިންނަށް ބޭނުންވާ 65 އިންސައްތަ ހަތިޔާރު އުފައްދަނީ އެގައުމުގެ އަމިއްލަ ހަތިޔާރުގެ އިންޑަސްޓްރީންނެވެ. ތުރުކީ އުފައްދާ ހަތިޔާރުގެ ބޮޑުބައަކީ އާދައިގެ ހަތިޔާރާއި ސްޕެއާޕާޓްސްއެވެ.
ނަމަވެސް 2015 އިން ފެށިގެން ތުރުކީވަނީ ހަތިޔާރުގެ ބޮޑެތި ސިނާއަތްތަކާ ދިމާއަށްވެސް މިސްރާބު ޖަހާފައެވެ. މީގެތެރޭގައި ޓޭންކާއި ފައިޓަރ ޖެޓާއި ހަނގުރާމައިގެ މަނަވަރާއި ސަބްމެރިންއާއި މިސައިލް އާއި ހަމަލާދޭ ޑްރޯން ހިމެނެއެވެ. (އަނަތޯލިޔާ)