ޚިޔާނާތާއި ޓެރަރިޒަމްގެ ކުށް ސާބިތުބެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ގޭ ބަންދަަށް ބަދަލުކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

އެފަދަ އަމުރެއް މިއަދު ހައިކޯޓުން ނެރުނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެނެވެ.

އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބުގެ ފަރާތުން އެދިފައި ވަނީ އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.

ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައިވާ ބަލިހާލަތާ ގުޅިގެން އޭނާ އަކީ ފުރާނައަށް ނުރައްކާ ފަރާތެއް ކަމަށް ބަޔާންކޮށް، ޑޮކްޓަރު ލިޔުން ދޫކޮށްފައިވާ ކަމަށެވެ.

އެ އަމުރުގައި ވަނީ އަދީބުގެ ބަލިހާލަތު ވަރަށް ސީރިއަސް ކަމަށާއި މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އޭނާ ބަންދުގައި ހުންނަތަނަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ.

ހައިކޯޓުން ބަލަމުންދާ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ އަދީބުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފާޅުކަންބޮޑުގޮތެއްގައި ފެންނަން އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރު ނެރުމުގައި، ހުކުމެއް ކުރެވެންދެން ގޭބަންދުގައި ބަހައްޓައިދިނުމަށް އެދި އަދީބު ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ. އަދި އަދީބުގެ މެޑިކަލް ލިޔުންތަކުގެ މައްޗަށާއި ވަގުތީ އަމުރެއް ނެރުމުގައި ޝަރީއަތުގެ ފަރާތުން ރިއާޔަތްކުރަންޖެހޭ ކަންކަމުގެ މައްޗަށް ވެސް އެ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.