28 Jan 2019, 21:19
ދިއްލީ (ޖެނުއަރީ 28): އިންޑިއާގެ ޔޫނިއަން މިނިސްޓަރު އާނަންތުކުމާރު ހެގްދޭ މުސްލިމް އަންހެނަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް އަދި ޔޫނިއަން މިނިސްޓާ އޮފް ސްޓޭޓް ފޯ ސްކިލް ޑެވެލޮޕްމެންޓް، ހެގްދޭ ވަނީ މީގެ ކުރިންވެސް މީހުންގެ ނުރުހުން އަމާޒުވާ ފަދަ ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން އިއްޔެ "ހިންދޫ އަންހެން ކުދިން ރައްކާތެރި ކުރާނެ" ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ "ހިންދޫ ކުއްޖެއްގެ ގަޔަށް އަތްލާ މީހުންގެ އަތް ކަނޑާލަން ޖެހޭ" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި އޭނާ ވަނީ ތާޖް މަހަލް ބިނާ ކުރީ މުސްލިމުން ނޫން ކަމަށާއި އެއީ ހިންދޫ ރަސްކަލެއް ބިނާ ކުރި ފައްޅިއެއް ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ސަބަބުން ކަރުނާޓަކާގެ ކޮންގްރެސްގެ ރައީސް ދިނޭޝް ގުންޑޫ ރާއޯ ވަނީ އެވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ވާހަކަ ދައްކަވާ މީހަކު މިނިސްޓަރު ކަމަށާއި މަޖިލިސް މެމްބަރު ކަމަށް އިންތިހާބު ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި ރާއޯއަށް ރައްދު ދެއްވަމުން ހެގްދޭ ވަނީ ރާއޯގެ ކާމިޔާބީތަކާ ބެހޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ. އަދި ރާއޯ އެނގިފައި ވަނީ ހަމައެކަނި "މުސްލިމް އަންހެނެއްގެ ފަހަތުގައި ހުރެގެން (މަޖިލީހަށް) ވާދަ ކުރި މެމްބަރު"ގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.
ރާއޯގެ އަންހެނުން ތާބޫ ރާއޯއަކީ މުސްލިމެކެވެ. އަދި ތާބޫ ވަނީ އޭނާއަކީ ސިޔާސީ މަގާމެއްގައި ހުންނަ މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާ މުސްލިމަކަށްވީތީ، އޭނާގެ ފިރިމީހާއާ ގުޅުން ހުރި ސިޔާސީ މައްސަލަތަކުގެ ތެރެއަށް އޭނާ ނުވެއްދުމަށް ގޮވާލާފަ އެވެ.
އަދި ހެގްދޭއަށް ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީވެސް ހިމެނެ އެވެ. ރާހުލް ގާންދީ ވަނީ ހެގްދޭ އަކީ "އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހުރި ލަދެއް" ކަމަށާއި އޭނާ މިނިސްޓަރު ކަމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ހެގްދޭ ވަނީ އިންޑިއާއަކީ ތަފާތު ދީންތަކަށް ޖާގަދޭ ގައުމަކަށް ގާނޫނު އަސާސީގައި ބުނާ މާއްދާ ބީޖޭޕީން ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އެކި ދީންތަކުގެ މީހުން ވަނީ ހެގްދޭއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.