އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުގައި 264،589 މީހުންނަނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށް ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިރޭ ހުޅުވާލާނެއެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރު ހިންގާ ކޯލީޝަންގެ ލީޑަރުންގެ މެދުގައި ކޯލިޝަން ޕާޓްނަރުންނަށް ދާއިރާތައް ބަހާނެ ގޮތާމެދު އަދިވެސް ވަނީ ގޮތެއް ނުނިންމިފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުުގައި ވާދަކުމުރުމަށް 86 ދާއިރާއަށް ނިކުންނަ ކެންޑިޑޭޓުން ކަށަވަރުކޮށްފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްވާ އެމްއާރު އެމްއާރުއެމްގެ ފަރާތުން އަދި ކުރިމަތިލާނެ ދާއިރާތަކާއި ނެރޭނެ ކެންޑީޑޭޓުން އަދި ނުނިންމައެވެ.

އަދާލަތު ޕާޓީން ވަނީ 13 ދާއިރާ އަކަށް ކުރިމަތި ލުމަށް ނިންމާފައެވެ. އަދި އެ 13 ދާއިރާ ތެރެއިން އެއް ދާއިރާއެއްގައި ޕްރައިމަރީވެސް ވަނީ ބާއްވާފައެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި އަލަށް އުފައްދަވާ ކޮންގްރެސް ޕާޓީން މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރައްވަން ވަނީ ނިންމާފައެވެ. ނަމަވެސް އެ ދެޕާޓީން ކުރިމަތިލާނެ ބޭފުޅުންވެސް އަދި ޔަގީން ނުވެއެވެ.