މިދިޔަ ހުކުރު ދުވަހު ބެއްވި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ދާއިމާ ނަތިއްޖާ އިއުލާން ކޮށްފިއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް 86 ދާއިރާ އަކުން 280 ކެންޑިޑޭޓުން ކުރިމަތިލިއެވެ. ނުވަ ދާއިރާއަކުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައި އޮތުމުން ޕްރައިމަރީ ބާއްވާފައިވަނީ 77 ދާއިރާގައެވެ.

އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިހާރު ވަނީ އެ ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އެ ޕްރައިމަރީގައި އެޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ގިނަ ފަރާތްތަކުން ވަނީ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ. އަދި މިހާރު މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންވެސް ވަނީ ޓިކެޓް ކަށަވަރުކޮށްފަ އެވެ. މިހާރު އޮތް 18 ވަނަ މަޖިލިސް އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަށް ޓިކެޓް ލިބިވަޑައި ނުގަންނަވައެވެ.

އެޕާޓީގެ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ވަނީ އެ ޕާޓީ އަށް ސޮއި ކޮށްފައެވެ. ޕްރައިމަރީގައި 86،000 މީހުންނަށް ވޯޓުލިބުމުގެ ހައްގު ލިބިގެން ވެއެވެ.