07 Oct 2011, 13:52
ވޮޝިންގޓަން (ސެޕްޓެމްބަރ 7): ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް އެ ޕާޓީގެ މިދިޔަ ޕްރައިމަރީގައި ރަނިންމޭޓެއް ގެގޮތުން ނުކުމެ ވަޑައިގެންނެވި ސާރާ ޕެލިން ވިދާޅުވެއްޖެ އެވެ. ޕެލިން މިހެން ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ މައްޗަށް ކާމިޔާބު ހޯދެވޭރުގެ ޤާބިލްކަން، އޭނާގެ ކިބާގައިނެތްކަން ޚިޔާލު ހޯދުމުގެ ސަވޭތަކުން ހާމަވުމާ ގުޅިގެންނެވެ.
ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ވިސްނުން މިހާތަނަށް ގެންގުޅުއްވައި އަދި އެކަމަށް މަސައްކަތްކުރައްވަމުން ވެސް ގެންދެވި ސާރާ ޕޭލިން އަށް އެމެރިކާގެ ރައްޔިތުންގެ ތާއީދު ކުޑަކަން ހާމަވެފައި ވަނީ އޭނާ އަށް ތާއީދު އޮތް ވަރު ބެލުމަށް ކުރި ކެމްޕޭންތަކަށް ފަހު ނެގި ހިޔާލު ހޯދުމުގެ ސަރވޭތަކުގެ ނަތީޖާތަކުންނެވެ.
މިސަވޭތަކުގެ ނަތީޖާ ދައްކާގޮތުން ކުރިއަށް އެމެރިކާގެ ރިއާސީ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާ ބަލިކުރެވޭވަރުގެ މަޤްބޫލުކަން ޕެލިންގެ ކިބާގައިނެތެވެ. މިއީ ރިޔާސީ ރޭހަށް ވަނުމަށް ފައިނެގުމުގެ ވިސްނުން ގެންގުޅޭ އެމެރިކާގެ އަންހެނުން މާޔޫސްވާނެ ނަތީޖާއެއް ކަމަށް މުރާސިލުން ބުނެއެވެ.
އެމެރިކާގެ މިދިޔަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޖޯން މެކޭންގެ ރަނިންމޭޓެއްގެ ގޮތުގައި ޕޭލިން ވާދަކުރެއްވި އިރުވެސް އޭނާއަށް ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ޕެލިންގެ މަޤްބޫލުކަން ދެނެގަތުމަށް ކުރެވުނު ސަރވޭތަކުގެ ނަތީޖާތަކާ ގުޅިގެން އޭނާ ވިދާޅުވީ ދެރަނުވާ ކަމަށާ އަދި ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އެހެން މަސައްކަތްތަކެއް ކުރައްވާނެ ކަމުގަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)