ޕީޕީއެމްގެ މުދަލާއި ތަކެތި ބޭނުންކޮށްގެން އަލަށް އުފައްދަ ޕާޓީ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރާ މައްސަލަ ބަލަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ދެ ދުވަސްތެރޭގައި އެ މައްސަލަ ނިންމަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީއެންސީގެ މައްސަލަ ބަލަން އެ ކޮމިޝަނުގެ ލީގަލް ޑިޕާޓްމެންޓުގެ ދެ ބޭފުޅަކާއި ކޮމިޝަނުގެ ލޯ ފާމްގެ ބޭފުޅެއް ހިމެނޭ ގޮތަށް ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ދެ ދުވަސްތެރޭގައި ބަލައި ނިންމަން އަންގާފައިވާނެ ކަމަށެވެ.

އިލެކްޝަނުން ޕީއެންސީގެ މައްސަލަ ބަލަނީ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް އެ ޕާޓީގެ ހުއްދަ ބާތިލު ވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ ޕާޓީ ހަދަން ދިން ހުއްދަ ބާތިލު ކުރެވޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގަވައިދުގައިވާ ގޮތުން އެފަދަ ކަމެއް ކޮމިޝަންގެ ތަހުގިގަށް ސާބިތުވެއްޖެ ނަމަ، އާންމު މަސްލަހަތައް ބަަލައި، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

އަދި ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވެއްޖެ ނަމަވެސް، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް އެ ގައިވާއިދުގައިވެ އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ހުއްދަ ދީފަ އެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަދީފަ އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުން ދާކަމަށް އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްވާ މައުމޫން ރީޕޯމް މޫވްމަންޓް އާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ގެ ބައެއް މެމްބަރުން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ތެރޭ ކޮންގްރެސް ޕާޓީ އަށް މެމްބަރުން ސޮއި ކުރަމުންދާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކޮންގްރެސް ޕާޓީއަށް ވަނުމަށް އެދޭ ފޯމުގައި ޕާޓީގެ އިދާރާގެ ނަމަކަށް ޖަހާފައި ވަނީ ވެސް ޕީޕީއެމްގެ އިދާރާ ކަމުގައި ހ. ހުރަފަ އެވެ.