28 Jan 2019, 13:32
ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ބެހޭ އުސޫލެއް އެކުލަވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު ގެޒެޓުކޮށްފަ އެވެ.
އެ އުސޫލުގައި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހިރާއްޖެ އިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވައިލުމުގެ ގޮތުން މިނިސްޓްރީން އިޢުލާނު ކުރުމުން އެ އިޢުލާނުގެ މުއްދަތުގައި ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ. އަދި ހުއްދަ ދޫކުރެވޭނީ ދެ އަހަރު ދުވަހަށް ކަމަށެވެ.
އަދި އެ ކުންފުނާ އުމްރާއަށްދާ ފަރާތާ ދެމެދުގައި އެއްބަސްވުމެއް ހަދަން ޖެހޭނެ ކަަމަށް އުސޫލުގައި އޮވެ އެވެ.
އެ އުސޫލުގައިވާ ގޮތުން، އުމްރާއަށް މީހުން ގެންދާ ކުންފުނިން، ވައިގެ މަގުން ދެކޮޅު ޓިކެޓް ކުންފުނީގެ ފަރާތުން ހަމަޖައްސަން ވާނެ އެވެ.
އޭގެ އިތުރުން، މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެޖިންސު ވަކިން ބައިތިއްބަން ޖެހޭނެ އެވެ. އަދި އުމްރާވެރިން ރާއްޖެއިން ޢުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމައަށް ޢުމްރާވެރިން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި ޢުމްރާވެރިންނާއެކު ކުންފުނީގެ ޒިންމާ އުފުލޭނެ ފަރާތެއްބައިވެރިވާން ޖެހޭނެ އެވެ.
އަދި އުމްރާ ދަތުރެއްގައި އިމަޖެންސީ ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަމެއް އިސްލާމިކް މިނިސްޓްރީއަށް އަންގަމުން ގެންދަން ޖެހޭނެ އެވެ.
އެ އުސޫލުގައިވާ ގޮތުން، އުމުރުން 45 އަހަރު ނުފުރޭ އަންހެނަކު މަހުރަމަކާ ނުލައި އުމްރާ ނުގެންދެވޭނެ އެވެ. އަދި 18 އަހަރު ނުފުރޭ ކުދިން ގެންދަން ޖެހޭނީ ބެލެނެވެރިއަކާ އެކު އެވެ.
މީގެ އިތުރުން ކޮންމެ އުމްރާ ދަތުރަކަށް ފަހު އެ ދަތުރަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ކޮންމެ ގްރޫޕަކުން ވެސް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
އަލަށް އެކުލަވާލައި އަމަލުކުރަން ފެށި އެ އުސޫލާ ހިލާފުވެއްޖެ ނަމަ އެ އުސޫލާ ހިލާފުވި ގްރޫޕެއް ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ބާތިލު ކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.