28 Jan 2019, 13:27
އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ މަޝްވަރާތައް ގައުމީ ލަފާދޭ ކޮމިޓީން ފަށައިފި އެވެ.
މަޖިލިސް އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ބުދަ ދުވަހަކު ޖަލްސާ ބާއްވަން ގައުމީ ލަފާދޭ ކޮމިޓީން ނިންމާފައިވާ ކަަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސިޔާސީ ޕާޓީތަކާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި 26 ފަރާތަކުން ބައިވެރިވި ކަމަށް އަކްރަމް ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމުން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ.
މަޖިލިސް އިންތިހާބު އޮންނާނެ ތާރީހެއް ކަމަށް އިލެކްޝަންްސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ ހައެއް އެޕްރީލް އެވެ. އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިރޭ ހުޅުވާލަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.