ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް ކަމަށާއި އެ ނިސްބަތް، އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓާމެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރައްވާ ކަމަށް ވިދާޅުވެ މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ރައިސް ނަޝީދު ވިދާޅުވީ މިއަހަރު ޖީޑީޕީގެ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހަރަދުތައް އެކަށީގެންވާ ދަރަޖައަކަށް ވަރަށް ގިނަ ދިމަދިމާއިން ކުޑަކުރެވިފައިވާކަން އެ އަންދާޒާ އިން އެނގޭކަމާއި ވައުދުތައް ފުއްދަވައި ދެއްވުމަށާއި ރައްޔިތުން އިސްކަންދޭ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުވައިދީ، އެކަންކަން ހިންގުމަށްޓަކައި ބަޖެޓް ބައްޓަން ކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ މައިގަނޑު 32 ޕްރޮގްރާމެއްގެ ތެރެއިން ފެށިފައިވާކަން ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ، މިއަހަރު ނިމެންވާއިރަށް ބަޖެޓްގެ ޑެފިސިޓް އެއީ ދެ އަކުރުން ބަޔާންކުރަންޖެހޭ ޢަދަދެއްގެ ބަދަލުގައި، އެއް އަކުރުގެ ޢަދަދަކަށް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ގެންނެވުން ކަމަށެވެ.

"އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ މެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި މިހާރު ވަނީ މިއަހަރު ޖީޑީޕީގެ ނުވަތަ ޤައުމީ އުފެއްދުންތެރި ކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރައްވާފައި. އެ އަންދާޒާ އިން އެނގޭ ގޮތުގައި، ސަރުކާރުގެ ޚަރަދުތައް މިވަނީ އެކަށީގެންވާ ދަރަޖައަކަށް ވަރަށްގިނަ ދިމަދިމާލުން ކުޑަކުރެވިފައި. ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި އަޅުގަނޑުމެން މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް. އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާކަން މިހާރު ވަނީ ފާހަގަކުރެވިފައި،"

އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ނިސްބަތެއް ސިއްހަތާއި ތައުލީމީ ދާއިރާގެ ތަރައްގީ ކުރުމަށް ސަރުކާރުން ޚަރަދު ކުރެއްވުމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާ ރައީސް ވިދާޅުވި އެވެ. އަދި ދައުލަތަށް އެކިގޮތްގޮތުން އިތުރުވެ ބޮޑުވެގެންދާ ތަނަވަސްކަން ރައްޔިތުންނަށް އިޢާދަކުރުމާއި، ދައުލަތުގެ ދަރަނި ކުޑަކުރުމާއި، ރައްޔިތުންނަށް އިޖްތިމާޢީ ހިމާޔަތާއި ހިދުމަތްތައް ފޯރުވައިދިނުން، ވަރަށް މަތީ ދަރަޖައެއްގައި ބަޖެޓްގައި ހިމަނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

~

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ނިމުނު ހަފްތާގައި މުދަލާއި ހިދްމަތުން ޖީއެސްޓީ ނެގުމުގެ އިންތިޒާމްތައް، އޮމާންކަމާ އެކު ހިނގާން ފަށާފައިވާކަން ފާހަގަކުރައްވަމުން، މި ޓެކްސްއިން އިތުރުކޮށްދޭނީ، ދައުލަތުގެ ތަނަވަސްކަން ކަމަށާއި، މި ތަނަވަސްކަން އިޢާދަވެގެންދާނީ އަނބުރާ ރައްޔިތުންނަށް ކަމުގައި ވިދާޅުވި އެވެ.

އާމްދަނީ ނިސްބަތުން މަދުން ލިބޭ ދިވެހިންނަށް ދައުލަތުން ފޯރުކޮށްދޭ ޙިމާޔަތާއި، އެހީތެރިކަމާއި، ސިއްހީ ފަރުވާއާއި، ރައްކާތެރިކަމާއި، ހިދްމަތްތަކާއި، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ތަރައްގީގެ އެކި މަސައްކަތްތަކަށް ހޭދަކުރެވޭނީވެސް، ދައުލަތުގެ މިދެންނެވި ތަނަވަސްކަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މި އަހަރުގެ ކާބޯތަކެތީގެ ދުވަހާ އެކު، މަސްވެރިންގެ ދުވަސްވެސް ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވުމާ އެކު، އެކަމުގެ މައްޗަށް މިއަދުގެ ރޭޑިޔޯ ހިތާބުގައި ރައީސް ބައްލަވާލައްވަމުން، މި މަހުގެ 16 ވަނަ ދުވަހު، އެ ރަސްމިއްޔާތު ނ. އަތޮޅު ކެނދިކުޅުދޫގައި ބޭއްވުމަށް ހަމަޖެހި، އެރަސްމިއްޔާތާ ގުޅިގެން އެރަށުގައި ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އަކުއާކަލްޗާ ނުވަތަ ފަޅުތެރޭގައި އުފެއްދޭ ކަނޑުގެ ބާވަތްތަކުގެ ރޯދި ނުވަތަ ފައިދާ ހޯދޭނެ ގޮތްތައް ދެނެގަތުމާބެހޭ ޕްރޮގްރާމެއް އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާކަން ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ މަސައްކަތުން ލިބޭ ފައިސާ އަދި ނުވަތަ ލިބޭ އާމްދަނީ މަދުކަމުގައި ވިޔަސް ވެސް، އެ އާމްދަނީއަކީ އެތައް ގުނައަކުން ބޮޑުކުރެވެން އޮތް އާމްދަނީއެއްކަން މިހާރު އެނގޭ ކަމަށެވެ. ހާއްސަކޮށް، ހުއިފިލަނޑާ އާލާ ކުރުމާއި ހުއިފިލަނޑާ ނަގައި، އެ ހުއިފިލަނޑާ އެކްސްޕޯޓް ކުރުމުގެ މަސައްކަތަކީ، މި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރެވޭނެ މަސައްކަތެއްކަން މިއަހަރުގެ ކާބޯތަކެއްޗާއި މަސްވެރިންގެ ދުވަހުން ފާހަގަވެގެންދާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކެނދިކުޅުދޫގެ ކުޅި ނުވަތަ އަދި ހަމަ އެއަތޮޅުގެ އެތައް ތަނަކަށް މީގެ ދެއަހަރު ކުރީގައި ހުއިފިލަނޑާގެ ފަނި ތައާރަފުކޮށްފައިވާ ކަމަށާއި އެރަށުގެ ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ގޮތަށް، އެތައް ހާސް ހުއިފިލަނޑާއެއް އެރަށުން ނެގިގެންދާތަން މި މަހުގެ 16 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށެވެ. އަދި އެތަކެތި އެކްސްޕޯޓް ކުރުމުން ލިބޭ ނަފާއާއި، ރާއްޖެއަށް ލިބޭ ތަރައްގީގެ ފަހިކަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ.

އަކްއާކަލްޗާ ނުވަތަ ހުއިފިލަނޑާގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ދައްކާލުމުގެ އިތުރުން، ކެނދިކުޅުދޫގައި އެދުވަހު މަގުމަތީ ބާޒާރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބާޒާރު ހާއްސަކޮށްފައި ވާނީ ކާބޯތަކެއްޗާއި މަސްވެރިކަމުގެ ބާވަތްތަކުގެ މައްޗަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ކެނދިކުޅުދޫގައި އޮންނަ ރަސްމިއްޔާތުގައި، ވީހާވެސް ގިނަ ރަށްރަށުންނާއި ވީހާވެސް ގިނަ ކުންފުނިތަކުން ބައިވެރިވުމަކީ ސަރުކާރުގެ އެދިވަޑައިގަތުމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.