28 Jan 2019, 13:47
"ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް، ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިގެން ކުރިއަށްދާ، ތިން ދުވަހުގެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތައް ތަރައްގީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުން ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްގީއަށް އެހީތެރިވެދިން ކަމަށް އެ މިނިސްޓްރީން މައުލޫމަތުދެ އެވެ.
ކުދި ޖަޒީރާ ގައުމުތަކަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ
މި މަސައްކަތު ބައްދަލުވުމަކީ ރާއްޖެ އާއި ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އިންޓަނޭޝަނަލް ރިނުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ގައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.