28 Jan 2019, 12:27
ދައުލަތުން ވޭތުވެ ދިޔަ ހަފްތާގައި ކުރި ހަރަދަށް ވުރެ އާމްދަނީ އިތުރުވެފައިވާ ކަން ވޭތުވެ ދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދުތައް ހިނގި ގޮތުގެ ރިޕޯޓުތައް ތައްކާ ގޮތުން މުޅި ސަރުކާރުގެ އިދާރާތަކުގެ ހަރަދަށް ބަލާ އިރު ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ޖުމްލަ 510.8 މިލިއަން ރުފިޔާ ވަނީ މިދިއަ ހަފްތާގައި ހަރަދުކޮށްފަ އެވެ. އަދި ވޭތުވެ ދިޔަ ހަފްތާގައި 909.4 މިލިއަން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ވެތުވެ ދިޔަ ހަފްތާ އެންމެ ބޮޑު ހަރަދެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވޭތުވެ ދިޔަ ހަފްތާ 152 މިލިއަން ހަރަދު ކުރި އެވެ. ބެލެވޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ބޮޑު ހަރަދެއް ކުރަން ޖެހުނީ ވޭތުވެ ދިޔަ ހަފްތާއަކީ ސުކޫލުތައް ހުޅުވުނު ހަފްތާއަށް ވުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އާ ސަރުކާރުގެ ވައުދުތަކުގެ ތެރެގައި ހިމެނޭ ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް މިދިޔަ ހަފްތާގައި ފަށައިފަ އެވެ.
އެޑިއުކޭޝަންގެ އިތުރުން ދައުލަތުން ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޕެންޝަން ދިނުމަށެވެ. ހަމައެކަނި ޕެންޝަން ބަޖެޓުން 107.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޕެޝިއަލް ބެޖެޓުން 131.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވޭތުވެ ދިޔަ ހަފްތާގައި 253.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.