28 Jan 2019, 12:21
ފަހުވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އަނެއްކާވެސް ކުރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ ޓީމު ޔުވެންޓަސް މޮޅުކޮށްދީފިއެވެ.
ރޭ އިޓާލިއަން ލީގުގައި ލާޒިއޯއާ އެކު ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ޔުވެންޓަސްއިން ވަނީ ތާވަލުގެ އެއް ވަނަައިގައި 11 ޕޮއިންޓުގެ ބޮޑު ފަރަގެއް ގާއިމް ކޮށްފައެވެ. ލީގުގައި ބާކީ 17 މެޗު އޮތް ނަމަވެސް ޔުވެންޓަސް އިން ވަނީ ތަށި ގައިގަނޑަކަށް ޔަގީން ކޮށްފަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރޭ މެޗުން މޮލޫވުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާލު ކުރަނީ -- ފޮޓޯ / ކުރިސް މައިސަން
މެޗުގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފުގެ 59 ވަނަ މިނަޓުގައި ޔުވެންޓަސްގެ މެދުތެރެއަށް ކުޅެމުން އަންނަ އެމްރޭ ޗޭން އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އެ ގޯލާއި އެކު ލާޒިއޯ ލީޑު ކުރި ނަމަވެސް މާ ގިނައިރު ތަކެއް ނުވަނީސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔޮއާއޯ ކެންސެލޯ ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ލާޒިއޯއިން މެޗު އެއްވަރުކޮށްގެން ނިންމާލުމަށްޓަކައި ޓީމު ފަހަތަށް ޖައްސައިގެން ކުޅެން ފެށިއެވެ. ނަމަވެސް އެ މީހުންގެ ޕުލޭން ފުނޑު ފުނޑު ވެގެން ދިޔައީ މެޗުގެ 88 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބު ކުރުމާއި ގުޅިގެންއެވެ.
ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުވެންޓަސް އަށް 14 ގޯލު އިޓާލިއަން ލީގުގައި ޖަހާދީފައެވެ. އަދި އެ މެޗުގައި ޖެހި ގޯލާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އިޓާލީއަން ލީގުގެ ތާރީހުގައި ވެސް ޖެހި ޖެހިގެން އަށް އަވޭ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޔުވެންޓަސް އާއި އެންމެ ގާތުން ވާދަ ކުރަމުން އައި ނަޕޯލީ ވަނީ ރޭ އޭސީ މިލާން އާއި ވާދަ ކުރި މެޗު އެއްވަރު ވެފައެވެ. މި ސީޒަނުގައި ލީގުގެ އެއްވެސް މެޗަކުން އަދި ބަލި ވެފައި ނުވާ ޔުވެންޓަސް އާއި އެހެން ކުލަބަކުން އަރާ ހަމަ ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.