މަތީ ތައުލީމުގެ ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް ލޯނު ލިބުނުކަމުގެ ލިޔުން މިނިސްޓްރީ އިން ދޫކުރާނެ ކަމަށެވެ.

މި ލޯނު ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލްކުރަމުންދާ ދަަރިވަރުންނަށާއި މަތީ ތައުލީމު ހާސިލްކުރަން ފަށާ ދަރިވަރުންނަށް ލޯނު ދޫކުރާނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ލޯނަށް އެދި 650 ދަރިވަރުން ކުރިމަތިލި ކަމަށާއި 315 ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި މަތީ ތައުލީމުގެ ލޯނަށް ހުޅުވާލަން ނިންމާފައިވާއިރު ލޯނަށް އެދި އެންމެ ގިނައިން ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރުގައި ޑިގްރީއަށް ކިޔެވުމަށް ކަމަށް ހަޔާއެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ވައުދުގެ ދަށުން މަތީ ތައުލީމު ހާސިލް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތު މިހާރުވަނީ އިތުރުކޮށްފަ އެވެ.