28 Jan 2019, 11:36
ވޮޝިންޓަން (ޖެނުއަރީ 28): އެމެރިކާގެ ކެންސަސްގައި މުސްލިމުންނަށް ހަމަލާ ދޭން ރޭވި ތިން މީހަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެހަމަލާ ރޭވުމުގައި އިސްކޮށް ހުރި ޕެޓްރިކް ސްޓެއިން ވަނީ 30 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި އެގުރޫޕުގެ "މެނިފެސްޓޯ" ލިޔުނު ކާޓިސް އެލިން ވަނީ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. މީގެ އިތުރުން އެގުރޫޕަށް ގޮވާ ތަކެތި ހަދައިދީ، ޓެސްޓު ކުރި ގެވިން ރައިޓް ވަނީ 26 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
އެމީހުން ރޭވީ އަށެއް ނޮވެމްބަރު 2016އިގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު، ކެންސަސްގެ ގާޑެން ސިޓީގައި ހުންނަ މިސްކިތަކާއި ސޯމާލިއާގެ ހިޖުރަވެރިން ދިރިއުޅޭ އެޕާޓްމެންޓުތަކެއް ގޮއްވާލާށެވެ.
ސްޓެއިންގެ ވަކީލު ވިދާޅުވި ގޮތުގައި އެމީހުން އެހަމަލާ ރޭވީ، 2016 ވަނަ އަހަރުގެ އިންތިހާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި ނަމަ އޭރުގެ ރައީސް ބަރަކް އޮބާމާ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ލަފާކޮށެވެ. އަދި އެއަށް ފަހު ރައީސް އޮބާމާ މާޝަލް ލޯ އިއުލާން ކުރައްވާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.
އެހާދިސާއާ ގުޅިގެން އެލެން އާއި ރައިޓް ވަނީ މާފަށް އެދިފަ އެވެ. ނަމަވެސް ސްޓެއިން މާފަށް އެދުނީ އޭނާގެ އާއިލާ އާއި އެކުވެރިންގެ ފަރާތުން އެކަނި ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި އެވެ.