07 Oct 2011, 02:05
މާލޭ ސިޓީގެ އެއްގަމު ދަތުރުފަތުރުތަކުގެ ހިދުމަތްދޭ އެމްވީކޭގެ ބަސް ދަތުރުތަކުގައި މިދިއަ ހަފުތާގެ ތެރޭގައި ދެ އެކްސިޑެންޓެއް ވެއްޖެ އެވެ.
މި ދެ އެކްސިޑެންޓުގެ ތެރެއިން އެއް އެކްސިޑެންޓު ހިނގާފައި ވަނީ ފަރީދީ މަގުގަ އެވެ. އަނެއް އެކްސިޑެންޓް އަމީނި މަގުގަ އެވެ.
~
ސަންއަށް ފޮޓޯ ލިބިފައިވާ ދެ އެކްސިޑެންޓްގެ ތެރެއިން މިދިއަ ހޯމަ ދުވަހުގެރޭ ހިނގި އެކްސިޓެންޓުގެ މަންޒަރު ދުށް މީހަކު ބުނީ އެރޭ 11:00 ޖަހާ އެހާކަންހާއިރު ފަރީދީ މަގު ޓްރެފިކް ބައްތި ކައިރީ ބަހަކާއި ކާރެއް ޖެހި ކާރުގެ ފަހަތު ޑިކީ ބަނޑިވެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
"ޓްރެފިކްގައި މަޑުކޮށްގެން ތިބެފަ ނައްޓާލިތަނުން ބަސް ދުއްވާފައި ގޮސް އެރީ ޓެކްސީގެ ފަހަތަށް. އޭގެ ޑިކީ ކޮންމެވެސް ވަރަކަށް ބަނޑިވެފައި ހުރީ، އަސްލު އެ (ބަސް) ދުއްވާފައި ދިޔައީ މީހުން އަރައިގެން ދުއްވަންވީވަރަށް ވުރެ މާބާރަށް،" އެ މީހާ ބުންޏެވެ.
އިއްޔެ މެންދުރު ވަނީ އަމީނީ މަގުގައި ސައިކަލަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފަ އެވެ.
ހޯމަ ދުވަހުގެރޭގެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބަހެއް ނުބުނި ނަމަވެސް އިއްޔެ މެންދުރު އަމީނީ މަގު ފިނޭންސް މިނިސްޓްރީ ކުރިމަތިން ހިނގި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އަމީނީ މަގުން ދުއްވާފައި ދިޔަ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވި ކަމަށެވެ. ނަމަވެސް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
"އެ މައްސަލައިގައި ދެފަރާތުގެ މައްސަލައެއް ނެތީމާ ވާހަކަދައްކައިގެން ހައްލުކުރަނީ،" ޝިޔާމް ވިދާޅުވި އެވެ.