ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު 'ލަވް އާޖް ކަލް 2' އިން ސައިފް އަލީ ޚާން އަދި އޭނާގެ އަންހެން ދަރި ސާރާ އަލީ ޚާން އެކުގައި ފެނިގެންދާނެ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ސައިފް ދޮގުކޮށްފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ސާރާ އާ އެކު ފިލްމަކުން ފެނިގެންދާނެ ކަން ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށާއި، ދެކެވެމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ސައިފް އާއި ސާރާ އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނަން ފެށީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޗެޓް ޝޯ 'ކޮފީ ވިތު ކަރަން'ގައި ދެމީހުން އެކުގައި ބައިވެރިވި ހިސާބުންނެވެ. ގިނަ ބަޔަކަށް އެ ޑުއޯ ވަރަށް ކަމުދިޔައެވެ.

ސާރާ ބުނީ ސައިފް އާއެކު ފިލްމެއް ކުޅެލަން ވަރަށް ބޭނުން ކަމަށާއި، ނަމަވެސް ނަމަކަށް ފިލްމެއް ނުކުޅޭނެ ކަމަށެވެ. 'ލަވް އާޖް ކަލް 2'ގެ އިތުރުން ނިތިން ކައްކަރްގެ ކުރިއަށް އޮތް ފިލްމު 'ޖަވާނީ ޖާނެމަން' އިން ވެސް ސައިފް އާއެކު ސާރާ ފެނިގެންދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އެ ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލުން ފެނިގެންދަނީ ޕޫޖާ ބޭދީގެ އަންހެން ދަރި އަލާއިއާ ފަރްނީޗަރުވާލާ އެވެ.