28 Jan 2019, 10:53
ކޮމެޑީ ފިލްމުތަކުން ބެލުންތެރިން ހެއްވާލައި، ބެލުންތެރިންގެ ލޯބި ހޯދި އެކްޓަރު ކާތިކް އާރްޔަން ސީރިއަސް ފިލްމުތައް ކުޅެން ބޭނުންވެފައި ހުރި ކަމަށް ބުނެފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރު، ފިލްމު 'ޕިޔާރް ކޭ ޕަންޗްނާމާ' އިން ބޮލީވުޑަށް ތައާރަފުވި ކާތިކް މިހާތަނަށް މުޅިން ވެސް ފެނިގެން ގޮސްފައި ވަނީ ކޮމެޑީ ފިލްމުތަކުންނެވެ.
'ޕިޔާރް ކޭ ޕަންޗްނާމާ' ސީރީޒްގެ ދެ ފިލްމަކާއި އަދި 'ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ'ގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމު 'ލުކާ ޗުޕީ' އަކީ ވެސް ކޮމެޑީ އެކެވެ.
'ލުކާ ޗުޕީ'ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކާތިކް ބުނީ ކޮމެޑީ އަކީ އެންމެ އުނދަގޫ ޖޯންރާ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާއަށް އަދިވެސް ކޮމެޑީ ފިލްމުތަކުގެ ހުށަހެޅުން ލިބެމުން އަންނަ ކަމަށެވެ.
"ވަރަށް ބައިވަރު ކޮމެޑީ ފިލްމުތައް ލިބޭ. އެކަމަކު މިހާރު ބޭނުމީ ސީރިއަސް ފިލްމުތައް ކުޅެން،" ކާތިކް ބުންޏެވެ. ކާތިކް ބުނީ އޭނާ މިހާރު ބޭނުމީ ތުރިލާއެއް ނުވަތަ ވިލަން އެއްގެ ރޯލު ކުޅެލަން ކަމަށެވެ. ކާތިކް އެންމެ ގިނައިން ބަލަނީ އަދި އެންމެ ބޮޑަށް ގަޔާވަނީ ވެސް ތުރިލާ ފިލްމުތަކަށެވެ.
ކާތިކް މިހާރު އުޅެނީ ފިލްމު 'ލުކާ ޗުޕީ'ގެ ޕްރޮމޯޝަން މަސައްކަތުގައެވެ. ފިލްމުގައި ކާތިކް އާއެކު ފެނިގެން ދާނީ ކްރިތީ ސެނަން އެވެ. މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު އެއްވަނަ ދުވަހުއެވެ.