ނަރްގިސް ފަޚްރީ އަދި ސަޗިން ޖޯޝީ ލީޑު ރޯލުން ފެނިގެންދާ ބިރުވެރި ފިލްމު 'އަމާވަސް' ރިލީޒް ކުރުން ފަސްކޮށްފި އެވެ.

މި މަހު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު މިހާރު ވަނީ ފެބުރުއަރީ އަށެއްގައި ރިލީޒް ކުރާ ގޮތަށް ބަދަލުކޮށްފަ އެވެ.

ފިލްމު ރިލީޒް ކުރުން ފަސްކުރީ އެހެން ފިލްމަކާ އެކު ރިލީޒް ނުކުރަން ވެގެންނެވެ. ފިލްމު އުފެއްދި ފަރާތުން ބުނީ އެމީހުން ބޭނުންވި ފެންވަރުގެ މޮޅު ފިލްމެއް އުފެއްދިފައިވާ ކަމަށާއި، ރަނގަޅު ތާރީޚެއްގައި ފިލްމު ރިލީޒް ނުކުރެވިއްޖެ ނަމަ އެކަމުގެ އަސަރު ފިލްމުގެ ވިޔަފާރިއަށް ކުރާނެ ކަމަށެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚަށް ގެނައި ބަދަލާ އެކު ހަފްތާއެއް ވަންދެން 'އަމާވަސް' އަށް ބޮކްސްއޮފީހުގައި އެހެން ފިލްމަކާ ވާދަކުރާކަށް ނުޖެހޭނެއެވެ. އިންގްލޭންޑުގައި ޝޫޓުކޮށްފައިވާ 'އަމާވަސް'ގައި އެންމެ މަތީ ފެންވަރުގެ ވީއެއްއެކްސް ބޭނުންކޮށްފައި ވާނެ ކަމަށް ޑައިރެކްޓަރު ބުޝަން ޕަޓޭލް ވަނީ ބުނެފަ އެވެ. ބުޝަން ވަނީ މީގެ ކުރިން '1920' 'އަލޯން' އަދި 'ރާގިނީ އެމްއެމްއެސް' ފަދަ ބިރުވެރި ފިލްމުތައް ޑައިރެކްޓުކޮށްފަ އެވެ.

ނަރްގިސް އަދި ސަޗިންގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ ވިވާން ބަތޭނާ، ނަވްނީތު ކޯރު ޑިލޯން، މޯނާ ސިންގ އަދި އަލީ އަސްގަރް އެވެ.