07 Oct 2011, 01:36
ތޫނު ހަތިޔާރު ބޭނުންކޮށްގެން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 62 މާރާމާރީ ހިންގާފައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން 62 މާރާމާރީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ހިންގިހިރު އެ މުއްދަތުގައި އެހެނިހެން ހަތިޔާރު ބޭނުންކޮށްގެން 118 މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާރާމާރީ އާއި މަރުގެ ޙާދިސާ ތަކާއި އެހެނިހެން ބޮޑެތި ކުށްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި ތަހުގީގު ކުރާނެގޮތުގެ މަޢުލޫމާތާއި އެފަދަ ކުށްވެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެކަންކަން ކުރުމުގައި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކަންކުރާގޮތް ފުލުހުންނަށް މިހާރު އަންގައިދީފައިވާނެ ކަމަށެވެ.
އެގޮތުން ހުނަރުވެރިކަމާއެކު މާރާމާރީތައް ހުއްޓުވަން 244 ފުލުހުންނަށް ސެލްފް ޑިފެންސްގެ 58 ކްލާސް މިއަހަރު ހިންގާފައިވާ ކަމަށާއި ކޯޓް ރޫމަށް ވަންނަ ފަރާތްތައް މެޓަލް ޑިޓެކްޓާ ބޭނުންކޮށްގެން ޗެކްކުރާނެ ގޮތް ކެޕިޓަލް ޕޮލިސްގެ ފުލުހުންނަށް ދަސްކޮށްދޭން 28 ފުލުހަކަށް ހަޔް ކުލާސް ހިންގިފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ މާރާމާރީތަކާއި ބޮޑެތި ކުށްކުރުން މަދު ކުރުމުގެ ގޮތުން މާރާމާރީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބަޔަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޮޑެތި ކުށްވެރިންގެ ނަންތައް ވެސް މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.