ވޮޝިންޓަން (ޖަނަވަރީ 28) : ތާލިބާން ޖަމާއަތާއެކު އެންމެފަހުން ބޭއްވި ސުލްޙައިގެ ވާހަކަތައް ކާމިޔާބު ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޒަލްމާއި ޚަލީލް ޒާދް އާއި ތާލިބާނުންގެ މަންދޫބުން ގަތަރުގައި އެންމެފަހުން ބޭއްވި ސުލްޙައިގެ ވާހަކަތަކުގައި އެހެންފަހަރުތަކާ ޚިލާފަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައެވެ.

ޕޮމްޕެއޯ ވިދާޅުވީ ތާއަބަދު އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުގައި ނުތިބެވޭނެ ކަމަށާ ޚަރަދުވެސް ނުކުރެވޭނެ ކަމަށާ އަފްޣާނިސްތާނުން ސިފައިން ބޭލުމުގައި އެމެރިކާ މިހާރު ވަރަށް ސީރިޔަސް ކަމުގައެވެ. މިގޮތުން އަފްޣާނިސްތާނުން ސިފައިން ބޭލުމަށް އެމެރިކާ ނިންމާފައިވާއިރު އެކަން ތަންފީޒު ކުރެވޭނީ ތާލިބާނުންނާ އެއްބަސްވުމަކަށް އާދެވިގެންކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޒަލްމާއި ޚަލީލް ޒާދްވެސް ވަނީ އޭނާ ތާލިބާނުންނާއެކު ގަތަރުގައި ކުރިޔަށްގެންދިޔަ ވާހަކަތަކުން ނަތީޖާ ތަކެއް ނެރެވުނު ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ބޭނުންވާ ހުރިހާ ނަތީޖާތަކެއް އަދި ޙާސިލް ނުކުރެވޭކަމަށް ޚަލީލްޒާދު ވިދާޅުވިއެވެ.

ތާލިބާނުންގެ މަސްއޫލުވެރިން ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ގަތަރުގެ ވާހަކަތަކުގައި މައިގަނޑު ހަތަރު ކަމަކަށް އެއްބަސްވެވުނުކަން ހާމަކުރައްވާފައެވެ. އޭގެތެރޭގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވޭތާ 18 މަސްދުވަހުގެ ތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ތާލިބާނުން އެއްބަސްވުމާއި ދެފަރާތުންވެސް އަސީރުން މިނިވަން ކުރުން ހިމެނެއެވެ.

އެމެރިކާވަނީ 17 އަހަރު އަފްޣާނިސްތާނުގައި ހަނގުރާމަކޮށްގެންވެސް ތާލިބާނުން ބަލިކުރުމުގައި ނާކާމިޔާބުވެފައެވެ. ނާކާމިޔާބުވީ އެމެރިކާ އަފްޣާނިސްތާނުގައި އިނދަޖައްސާލުމަށްޓަކައި އީރާނާއި ރަޝިޔާއިންވެސް ސިއްރިޔާތުގައި ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދިނުމާއެކު ޕާކިސްތާނުގެ އެއްބާރުލުންވެސް މިފަހަކަށް އައިސް އެމެރިކާއަށް ނުލިބުމާއި ތާލިބާނުންފަދަ ގެރިއްލާ ހަނގުރާމަ ކުރާ ބަޔަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމުގެ ގާބިލްކަން އެމެރިކާ ސިފައިންގެ ކިބައިގައި ނެތުމުންނެވެ.

އެމެރިކާއިން އަފްޣާން ހަނގުރާމައަށް 2 ޓްރިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު އެންމެ ފަހުން ފައިބަން މިޖެހުނީ ތާލިބާން ބަލިނުކުރެވި ހުސްއަތާކަމުން އެމެރިކާގެ ޑީޕްސްޓޭޓުން މިކަމާ ދެކޮޅު ހަދައެވެ. ނަމަވެސް އުސާމާ ބިން ލާދިން މަރާލުންފަދަ ކަންކަން އެމެރިކާ ދިގު މުއްދަތުންނަމަވެސް އަފްޣާނިސްތާނަށް އަރައިގެން ހާސިލް ކޮށްފައިވެއެވެ. މިހާރު އެމެރިކާއަށް ނުރައްކަލީ އަލްގާއިދާއަށްވުރެ ބޮޑަށް ޗައިނާއާއި ރަޝިޔާއެވެ. ޗައިނާ ގެންދަނީ ދުނިޔޭގެ ސުޕަރ ޕަވަރުގެ މަގާމުން އެމެރިކާ އެއްފަރާތް ކުރުމަށް ޓެކްނޮލޮޖީގެ ގޮތުންނާއި އިގްތިސާދީ ގޮތުންނާ އަދި ނުފޫޒުގެ ގޮތުންނާއި އަސްކަރީ ގޮތުންވެސް މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން ސޫރިޔާ، އިރާގު އަދި އަފްޣާނިސްތާނުގައި ސިފައިން ބައިތިއްބައިގެން ޚަރަދު ކުރުމަށްވުރެ އެމެރިކާއަށް މުހިއްމީ އެމެރިކާ އިތުރަށް ތަރައްގީ ކުރުމާއި ޗައިނާ ބާރު ގަދަކުރަމުންދާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އެމެރިކާ ގެ އަސްކަރީ އަމާޒު ފޯކަސް ކުރުމެވެ. (ނޫސްއެޖެންސީތައް)