28 Jan 2019, 00:28
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ވެރިކަމާ ހަވާލުވުން ކަމަށް މިރޭ އެޕާޓީގެ ވަގުތީ ރައީސަކަށް އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެޖެއެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމާއެކު ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުން ވަނީ، އަޅުގަނޑުމެން ޕާޓީގެ މައިގަނޑު މަގުސަދު ތެރޭގައި މިއޮތީ ރާއްޖޭގެ ޒައާމަތާ ހަވާލުވުމުގެ މަސައްކަތް،" އަދުުރޭ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ މިރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދުރޭ ވިދާޅުވީ، ކޮންގްރެސް ޕާޓީން މަސައްކަތް ކުރާނީ ސައްތައިން ސައްތަ މުސްލިމް، މުސްތަގިއްލު އަދި މިނިވަން ގައުމެއްގެ ދިވެހި ގައުމު ބިނާ ކުރުން ކަމަށެވެ.
"މި ދިވެހި ފަސްގަނޑުން މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށް ކަމަރު ބަދެގެން. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކާ ދެކޮޅަށް ތެދުވުމުގެ މަތިވެރި އަޒުމުގައި. ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގެ ގަދަ ހިތްވަރާ އެކު. ގައުމު ތަރައްގީކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ސާބިތު ކަމާއެކު،" ޕާޓީގެ މަގްސަދުތައް ކިޔާދެމުން އަދުރޭ ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ބާއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދުރޭ ވިދާޅުވީ ކޮންގްރެސް ޕާޓީގެ މިލްކުވެރިކަމާމެދު ދައުވާ ކުރެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި ޕާޓީގެ މިލްކުވެރިފަރާތަކީ ރައީސް ޔާމީން ކަމަށެވެ.
އަދި ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުމަށް އަދުރޭ ދައުވަތު ދެއްވިއެވެ.
ތިންސަތޭކަ ފަންސާސް ހަތް މީހުންނާއެކު ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ޖަލްސާގައި 40 މެމްބަރުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ އިންތިހާބު ކޮށްފައެވެ. އަދި ޕާޓީގެ ވަގުތީ ރައީސްގެ އިތުރުން ދެ ނައިބު ރައީސަކު ވަނީ އިންތިހާބު ކޮށްފައެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.