ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ގޮތުން އެމްޑީޕީން ހުށަހެޅި އިސްލާހަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިން ޝަރުއީ ދާއިރާ އިސްލާހްކުރަން ހުށަހެޅި އިސްލާހް ގާނޫނު އަސާސީއާ ހިލާފުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާހަކީ ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނުތައް ހެދުމުގެ ސިލްސިލާއެއް ކަމަށް ޑރ. ޖަމީލް ވަނީ ސިފަކުރައްވައިފައެވެ.

ޑރ. ޖަމީލަށް ރައްދު ދެއްވައި ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ އިސްލާހް އެކުލަވާލައި ހުށަޙެޅީ މިދިޔަ 10 އަހަރު އެޕާޓީން ދުށް ކަންތައްތަކާއި ކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ.

"އެންމެހާ ފަނޑިޔާރުންނާއި ވަކީލުން މިކަމުގައި އެހީތެރިވެދެއްވުމަކީ އެމްޑީޕީގެ އެދުމެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، ގާނޫނީ ވަކީލާ ހިސާން ހުސައިން ހުށަހެޅުއްވި ޕްލޭންގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެެވެ.

އެގޮތުން އެޕްޑީޕީގެ މެނިފްސްޓޯގައިވާ ގޮތަށް، ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި، ޑީޖޭއޭ އަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި ޑީޖޭއަކީ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ.

މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.