ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، އައްޔަން ކުރެއްވީ ހެންވޭރު ކަޅުވަކަރުގެ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންހަމުން ބެޗެލަރ ސައިންސް ވިތް އޮނަރސް އިން އިކޮނޮމިކްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އައްޑޫ ސިޓީ ހުޅުދޫ، ހެޕީޑްރީމް މުހައްމަދު އަންސާރެވެ. މުހައްމަދު އަންސާރަކީ ހަޔަރ ނެޝަނަލް ޑިޕްލޮމާ އިން ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ގަލޮޅު ސައިމާ ޙަމަދު ޢަބްދުލްގަނީއެވެ. ހަމަދު ޢަބްދުލްގަނީ އަކީ ބެޗެލަރ އޮފް އިންޖިނިއަރިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީގައި އެއިރޯ ސްޕޭސް އިންޖިނިއަރިންގް ގެ ދާއިރާއިން ލެކްޗަރަރ އެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ހދ.ނައިވާދޫ، ގުލްފާމްގެ އަހުމަދު މުހުސިނެވެ. އަޙްމަދު މުހުސިނަކީ ޑިޕްލޮމާ އިން ކޮމްޕިއުޓިންގް އެންޑް މަލްޓިމީޑިއާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޓްރެއިނިންގް ހޯއްދަވާފައިވާ ބޭފުޅެކެވެ. އަޙްމަދު މުޙްސިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަން ކުރައްވާ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ހދ.ވައިކަރަދޫ، ޖޭޒްމީން ޙުސައިން ޒާމިރެވެ. ހުސައިން ޒާމިރަކީ ބެޗެލަރ އޮފް އަރޓްސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޙުސައިން ޒާމިރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ ގަލޮޅު ހިމާލިޔާގެ ފާޠިމަތު ނިއުމާއެވެ. ފާތިމަތު ނިއުމާއަކީ މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅީ މަނަސް ރިޔާޒް މަންސޫރެވެ. ރިޔާޒް މަންސޫރަކީ ސޮފްޓްވެއަރ އިންޖިނިއަރިންގ އިން އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ޓެކްނިކަލް ކޮންސަލްޓަންޓްގެ މަގާމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕމްނަޓްގެ ޑިރެކްޓަރުގެ މަގާމުވެސް ހިމެނެއެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް، އައްޔަން ކުރެއްވީ ގަލޮޅު ރަންދެލިގެ ފާޠިމަތު ޔުމްނާއެވެ. ފާތިމަތު ޔުމްނާ ވަނީ ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްއިން މަސްޓަރ އޮފް ސައިންސް ހާސިލުކުރައްވާފައެވެ. ފާތިމަތު ޔުމްނާ މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުތެރޭގައި ސާކް ޔޫއެން ވިމަންގެ ކޮންސަލްޓަންޓެއްގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ.