07 Oct 2011, 01:04
މާލޭ ރީތި ކުރުމަށް މަޖީދީ މަގީގުގައި ފެންފޯއް ރުއް އިންދިތާ 24 ގަޑިއިރު ނުވަނީސް އޭގެ ތެރެއިން ރުކަކަށް ގެއްލުންދީ، ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
މީހުން އެއްވެ ހަމަނުޖެހުން ހިނގީ މަޖީދީ މަގު ޅޮހީގެ ކުރިމަތިން އިންދާފައިވާ ފެންފޯއް ރުކެއް އެ ގޭގެ ދޮރާ ދިމާއަށް ހުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރުއް އުފުރާލައިލަން އުޅުމުން ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުންޏެވެ. މީހުން އެއްވީ ގާތްގަނޑަކަށް 11:45 އެހާކަންއިރު އެވެ.
އެސަރަހައްދަށް އެއްވެ ރުއް އުފުރާލަން އުޅުނު ބައެއް މީހުން ބުނީ ރުއް އިންދުމުގެ ކުރިން ވަޅުގަނޑު ތައްޔާރު ކުރުމުން ވެސް އެތާނގައި ރުކެއް ނުއިންދުމަށާއި އިންދައިފިނަމަ ވަދެ ނުކުމެ އުޅެން އުނދަގޫވާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
"އެހެންވެގެން އެންމެންވެސް އުޅުނީ ރުއް ނަގަންވެގެން. ރުއް އިންދާފައި ހުރީ ޅޮހީގޭ ގޭގެ ދޮރާ ދިމާއަށް. ހަމަނުޖެހުމުގެ ތެރޭގައި ވަޅިން ޖަހައި ރުކައް ބައެއް ކަހަލަ ގެއްލުންތައް ވެސް ދިން،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.
ރުކުގެ މައްސަލައިގައި ބަޔަކު ހިތްހަމަ ނުޖެހުމުން މާލޭ ސިޓީ ކައުންސިލުން ވަނީ މިރޭ އެ ރުއް އެތަނުން އުފުރާލާފަ އެވެ. ޑިޕިއުޓީ މޭޔަރު ސަމާހު ވިދާޅުވީ ރުއް ނެގީ ގޭގެ ދޮރުމަތީގައި ހުރުމުން އެގޭގެ މީހުންނަށް އުނދަގޫވާތީ ޝަކުވާ ކުރުމުން ކަމަށެވެ.
ފުލުހުން ބުނީ ޅޮހީގެ ކުރިމަތީގައި ހުރި ގަހަކަށް ގެއްލުން ދީގެން ބަޔަކު މިރޭ އެ ސަރަހައްދަށް އެއްވެފައިވާ ކަމަށެވެ.
ފެންފޯއް ރުކުގެ މައްސަލައިގައި ހަމަނުޖެހުން އުފެދި އެ ސަރަހައްދަށް މިރޭ މީހުން އެއްވެފައި ވަނިކޮށް އެ މަންޒަރުތައް ފޮޓޯ ނަގަން އުޅުނު ސަންގެ ފޮޓޯގްރާފަރަށް ބަޔަކު ވަނީ ބިރުދައްކައި މަރުގެ އިންޒާރުދީ ކެމެރާ ހަލާކު ކޮށްލާނެ ކަމަށް ބުނެފައެވެ.