އެމްޑީޕީ އިން ޝަރުއީދާއިރާ އިސްލާހްކުރަން ހުށަހެޅި އިސްލާހް ގާނޫނު އަސާސީއާ ހިލާފުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުުވެއްޖެ އެވެ.

އެމްޑީޕީ އިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުގެ ގިނަ ބާރުތަކެއް ކުޑަކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ މަޖިލިހުގެ ކެމްޕެއިނަށް އެކުލަވައިލާ ސިޔާސަތުގައި ހިމަނައިފި އެވެ.

އެ އިސްލާހަށް ރައްދު ދެއްވައި ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރަން ޖެހޭކަން ހުދު އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ އެ އިސްލާހް ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާ ތައާރަޒުވާ ކަމަށެވެ. އަދި އެކަން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ ހައިސިއްޔަތު އޮންނަނީ އެގޮތަކަށް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނުތައް ހެދުމުގެ ސިލްސިލާތައް ހުއްޓާލައި މުވައްސަސާތައް އެބަ ޖެހޭ ހަރުދަނާ ކުރަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓާ، ގާނޫނީ ވަކީލާ ހިސާން ހުށަހެޅުއްވި ޕްލޭންގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެެވެ.

އެގޮތުން އެޕްޑީޕީގެ މެނިފްސްޓޯގައިވާ ގޮތަށް، ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި، ޑީޖޭއޭ އަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި ޑީޖޭއަކީ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ.

މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.