އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހަށް ދިރާގުގެ ބައެއް ހިދުމަތްތައް މެދުކެނޑިގެން ދާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ "ބިޒްނެސް ސަޕޯޓް ސިސްޓަމް" އަޕްގްރޭޑް ކުުމުގެ މަސައްކަތާ ގުޅިގެން ކުންފުނިން ދޭ ބައެއް ހިދުމަތްތައް މި ދެ ދުވަހު މެދުކެނޑިގެން ދާނެ ކަމަށެވެ.

"ދިރާގުން ފޯރުކޮށްދެންމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ 31 ޖަނަވަރީ އިން ފެށިގެން 3 ފެބްރުއަރީ 2019 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަ،" ދިރާގުން ބުންޏެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއްނެތި ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ބުރާސްފަތި ދުވަހުން ހުކުރު ދުވަހަށް ތިރީގައި މިވާ ބައެއް ސަޕޯޓް ޚިދުމަތްތަށް ކަސްޓަމަރުންނަށް ލިވިބަޑައިނުގަންނަވާނެ ހިދުމަތްތައް:

  • ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ހުކުރު ދުވަހުން އާދިއްތަ ދުވަހުގެ ގެ ނިޔަލަށް މެދުކެނޑިގެންދާނެ. ނަމަވެސް މި މުއްދަތުކުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ކަނޑާނުލާނެ. އެހެންކަމުން ފޯނުކުރުމާއި، އެސްއެމްއެސް އަދި ޑޭޓާ ގެ ޚިދުމަތް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެ.

  • ތިރީގައި މިވާ ޗެނަލްތަކުން ޚިދުމަތްތައް ބުރާސްފަތި ދުވަހުގެ 00:00 އިން ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް މެދުކެނޑިގެން ދާނެ.
    • ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް
    • ދިރާގު ޕާރޓްނާޝޮޕް ތައް
    • ދިރާގު އޮންލައިން ޚިދުމަތްތައް
      • ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް"
      • ދިރާގު މޯބައިލް އެޕް
      • މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
      • ދިރާގު ޕޭ
      • ސެލްފް ކެއަރ ޗެނަލްސް (އެސްއެމްއެސް އަދި *123# ޚިދުމަތް)
  • ޕްރީޕެއިޑް ރީލޯޑް އަދި ރީޗާރޖް ޚިދުމަތްތައް މިއަންނަ ހުކުރު ދުވަހުގެ 00:00 އިން 23:59 ގެ ނިޔަލަށް މެދުކެނޑިގެންދާނެ.

"ކަސްޓަމަރުންނަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިވެދާނެ ދަތިކަމަށް ނިހާޔަތައް މާފަށް އެދެން. އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމުގެ ޔާގީންކަން އަރުވަން،" ދިރާގުން ބުންޏެވެ.