ކޮމަންވެލްތާ، ރާއްޖެއިން އަލުން ގުޅުން އަވަސްކުރުމަށް މަޝްވަރާކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ މިއަދު ވަނީ ބައްދަލުކުރައްވައި އެކަމާ ބެހޭގޮތުން ވާހަކަތައް ބާއްވަވައިފައެވެ.

ކޮމަންވެލްތާ އަލުން ގުޅުން ގާއިމްކުރުމުގެ ފުރަތަަމަ މަރުހަލާގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އޮބްޒާވަރެއްގެ ދައުރު އަދާކުރުމަށް ބޭނުންވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެެވެ.

ޝާހިދުގެ ދަތުރުގައި އޭނާ ވަނީ ކެނެޑާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓި ހައި ކޮމިޝަނަރު ސާރާ ފައުންޓެއިން ސްމިތުއާވެސް ވަނީ ބައްދަލުކުރައްވައިފައެވެ. ސާރާ ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ކެނެޑާގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށެވެ.

ޝާހިދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ވަނީ އެމެރިކާއަށާއި އަދި ޔޫއޭއީއަށްވެސް ވަޑައިގެންފައެވެެ.

އެމެރިކާއަށް ކުރެއްވި ދަތުރުގައި ޝާހިދު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގްރީރުކުރައްވައިފައެވެ.

ޝާހިދުގެ ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.