ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް އިލެކްޝަނުން ހުއްދަ ދިނުމަށްފަހު، 300 މީހުން ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި 357 މެމްބަރުން ބައިވެވަޑައިގެންނެވި އެވެ.

މި ޖަލްސާގައި، ޕާޓީގެ ލޯގޯ، ޕާޓީގެ ކުލާއާއި ދިދަ އަދި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފައެވެ. މިގެ އިތުރުން 40 މީހުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ ފާސްކޮށްފަ އެވެ.

ކޮންގްރެސް ޕާޓީން މިރޭ ފާސްކުރި ކުލަ އާއި ދިދަ --

ޕާޓީގެ ރަސްމީ ލޯގޯ އަދި ކުލަ ފާސްވެގެން ދިޔައީ ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޕާޓީގެ ރަސްމީ ކުލަ، ވިލު ނޫކުލައިގެ ގޮތުގައި ފާސްވެގެން ދިޔައީ 355 މެމްބަރުންގެ ތާއީދާއެކު އެވެ.

މި ޖަލްސާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލްސާގެ މެދުތެރެއިން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ މަޖިލިސް އެހެން މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން، އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ވަނީ ހުއްދަ ދީފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު، ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަދީފަ އެވެ.